ނަމާދަކީ ހުރިހާ އުއްމަތަކަށްވެސް ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ނަމާދުގެ އަހަންމިއްޔަތުކަން ބޮޑުވުމުގެ ސަބަބުންނާއި، އަދި އެއީ މަތިވެރި ގުޅުމަކުން އަޅާއާއި އޭނާގެ ވެރި ރައްބާއި ގުޅުވާދޭ އަޅުކަމަކަށް ވާތީއެވެ.

މި އުއްމަތަށް ﷲ ތަޢާލާ ފަސް ނަމާދު ފަރުޟުކުރެއްވީ، މި އުއްމަތުގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖައް އުފުއްލެވި ރޭގައި ﷲތަޢާލާ އާއި އެކަލޭގެފާނާއި ދެމެދު އެއްވެސް މެދުވެރި އެއްނެތި ސީދާ ބަސްފުޅު ވަޙީކުރައްވައިގެންނެވެ.

ނަމާދު ފަރުޟް ކުރެއްވުނީ ﷲ ތަޢާލާއާއި އެއިލާހުގެ ނަބިއްޔާއާ ދެމެދު އެއްވެސް ވާސިޠާއެއް ނުވަތަ މެދުވެރިއެއް ނެތި އެވެ. އަދި  ނަމާދު ފަރުޟުކުރެވުނީ މުހައްމަދުގެ ފާނުގެ މައްޗަށް އައި ( އަޅުގަނޑުމެންނަށް އެނގިފައިވާ ) އެންމެ މާތް މަތިވެރި ރޭގައެވެ.  މާތް ﷲ ވަނީ ދުނިޔެވީ ޙަޔާތުގައި އިންސާނަކަށް ވާޞިލް ވެވޭނެ އެންމެ މަތީ މަކާނުގައި ނުވަތަ ހިސާބުގައި އެކަލޭގެފާނު ހުންނަވަނިކޮށް ނަމާދު ފަރުޟު ކުރައްވާފައެވެ.

އެންމެ ފުރަތަމަ ފަންސާސް ނަމާދު ފަރުޟް ކުރައްވައިފައި ވުމުން އެ ނަމާދަށް އެއިލާހުގެ ހަޟްރަތުގައި ދެވިފައިވާ ލޯބި ހާމަވެގެންދެއެވެ. ނަމަވެސް ކުރަންޖެހޭ މިންވަރުގެ ގޮތުން ފަސް ނަމާދަށް ލުއިކުރައްވައި، މީޒާނުގައި ފަންސާސް ނަމާދުކަމުގައި ލެއްވިއެވެ. ފަސް ނަމާދު ކުރިމީހާ ފަންސާސް ނަމާދު ކުރި މީހާ ފަދައެވެ. ކޮންމެ ނަމާދެއްގެ ޘަވާބު ދިހަގުނައަށް އިތުރުވެގެން ދިޔުމެއްނޫނެވެ. ނަމަވެސް ފަސް ނަމާދު ކުރި މީހާ ފަންސާސް ނަމާދު  ޢަމަލުން ކުރި ފަދައެވެ. ކޮންމެ ދުވަހެއްގައި ތަކުރާރުކޮށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުކަމެއް ނަމާދުފިޔަވައި ފަރުޟް ކުރައްވާފައި ވާތީއެއް ނުފެނެއެވެ.

ނަމާދަކީ ﷲ ތަޢާލާ ވާޖިބުކުރައްވައި ފަރުޟް ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވެ ހެކިވުމަށްފަހު، ދެން އިސްލާމްދީނުގައި ދެވަނަ ދަރަޖަ ދެވިފައިވާ އަޅުކަމެވެ. ދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ފަރުޟްގެ އެންމެ މަތިވެރި ވައްތަރެވެ.

ނަމާދުގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އުއްމަތުގެ ޢިލްމުވެރިންވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިޖްމާޢުވެފައެވެ. އަދި އެއްވެސް ޢިލްމުވެރިއެއް ނަމާދަކީ ފަރުޟެއްކަމާއިމެދު ޚިލާފްވެފައެއް ނުވެއެވެ. އަދި މިއީ އިސްލާމްވުމަށްފަހު ދީނުގައި ކޮންމެ މުސްލިމަކަށްވެސް ކޮންމެހެންވެސް އެނގުން ލާޒިމް ކަމެކެވެ. އެއްވެސް މުސްލިމަކަށް ނަމާދަކީ ފަރުޟެއްކަން ނުވަތަ ވާޖިބެއްކަން ނޭންގި އޮތުން މުސްތަޙީލް މިންވަރަށް، މި އަޅުކަމުގެ ހުކުމަކީ އެނގި ބަޔާންވެފައިވާ މަޝްހޫރު ކަމެކެވެ.