ރ. ވާދޫ އިންޖީނުގެއަށް މިއަދު ގެންދިޔައީ މުޅިން އާ 280 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރ. ވާދޫއަށް ގެންދިޔަ ޖަނެރޭޓަރަކީ މުޅިން އާ އަދި އެއްވެސް ތަނެއްގައި މީގެ ކުރިން ބޭނުންކޮށްފައި ނުޥާ ޖަނަރޭޓަރެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ހިންގާ، ރ. ވާދޫ އިންޖީނުގޭގައި މިއަދު ގެނެސްފައިވާ މި ޖަނެރޭޓަރުގެ އިތުރުން، 100 ކިލޯވޯޓްގެ ޖަނެރޭޓަރަކާއި 128 ކިލޯވޯޓްގެ ޖަނެރޭޓަރެއްގެ އަދި 150 ކިލޯވޯޓްގެ ޖަނެރޭޓަރެއް ހުރެއެވެ.

ވާދޫ ފެނަކަ ގޮފި ހިންގެވުމާ ހަވާލުވެ ހުންނެވި، މުހައްމަދު ނިޔާޒް ރ. ވާދޫ ލައިވްއަށް ވިދާޅުވީ، އަލަށް ގެނައި ޖަނެރޭޓަރު އިންސްޓޯލްކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރ. ވާދޫއަކީ މެދުކެނޑުމެއް ނެތި 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ރަށެކެވެ.

ކަރަންޓްގެ ޚިދުމަތް ހަރުދަނާކުރުމަށް ނިޔާޒްގެ ބެލުމުގެ ދަށުން ރ. ވާދޫ ފެނަކަ ގޮފިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.