ރ. ވާދޫގައި މިހާތަނަށް ޖުމުލަ 33 މީހަކަށް ކޮވިޝީލްޑް ވެކްސިން ދީފައިވާކަން ރ. ވާދޫ ސިއްހީ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް-19ން ދިފާޢުވުމަށް ހިންގަމުންދާ ވެކްސިން ޖެހުމުގެ ގައުމީ ކެންޕެއިންގެ ދަށުން ވާދޫއަށް ފުރަތަމަ ފޮނުވާފައި ވަނީ 3 ފުޅި ވެކްސިނެވެ. ކޮންމެ ފުޅިއަކުން ވެކްސިން ޖެހެނީ ޖުމުލަ 11 މީހުނަށް ކަމަށްވާއިރު، ވާދޫގައި ވެކްސިން ޖެހި ފެބްރުއަރީ 16، 17 އަދި 18 މި ތިން ދުވަހު ޖުމުލަ ދެވިފައި ވަނީ 33 ޑޯޒް ވެކްސިނެވެ.

ރ. ވާދޫގައި ފުރަތަމަ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނީ، ރ. ވާދޫ ކޯވިޑް-19 ފޯކަލް ޕޮއިންޓް އަދި އާރު.އާރު.ޓީގެ ހެޑް، އަދި ޕަބްލިކް ހެލްތު ޔުނިޓްގެ ހެޑް، އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ޝިފާނާ މޫސާ ފުޅެވެ.

ވާދޫސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ، ހެލްތު ސާވިސް. މުހައްމަދު ޞަފީޤް ވިދާޅުވީ، ވާދޫގައި އިތުރަށް ވެކްސިން ދިނުން ކުރިއަށް ދާނީ ދެވަނަ ޝިޕްމަންޓެއް ލިބުމުން ކަމަށެވެ.

ރާއްޖޭގެ ރަށްރަށަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ކޯސްޓް ގާޑުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ދަނީ އިންޑިޔާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

ކޮވިޝީލްޑް ވެކްސިން އުފެއްދީ ޗިމްޕޭންޒީއަށް ޖެހޭ އާންމު ހުމަށް ދޭ ވެކްސިން މޮޑިފައި ކޮށްގެންނެވެ. އެ ވެކްސިން މޮޑިފައި ކުރީ ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކޮށް އިންސާނުންގެ ދިފާއީ ބާރު އެ ވައިރަސްއިން ރައްކާތެރި ކޮށްދޭނެ ގޮތަށެވެ.

އެމެރިކާގެ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިންއާއި ހިލާފަށް ”ކޮވިޝީލްޑް“ ވެކްސިން ތަންތަނަށް ގެންދަން ފަސޭހަ އެވެ. އެއީ މި ވެކްސިން ސްޓޯކުރަން ޖެހޭ ފިނި ހޫނު މިނަކީ ދެ ޑިގްރީ ސެލްސިއަސް އާއި އަށް ޑިގްރީ ސެލްސިއަސް އާއި ދެމެދުގަ އެވެ.

ސައިންސްވެރިންގެ ހޯދުންތައް ދައްކާ ގޮތުން ”ކޮވިޝީލްޑް“ ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް ހަނގުރާމަ ކުރާގެ އެންމެ ޔަގީންކަން ބޮޑު އެއް ވެކްސިނެވެ. ވެކްސިންގައި ދެ ޑޯޒް ހިމެނޭއިރު ދެވަނަ ޑޯޒް ދޭން ޖެހެނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.

ސައިންސްވެރިންނާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވަނީ ވެކްސިންގެ އެވަރޭޖް އެފިޝެންސީ (ރައްކާތެރިކަން) 70 އިންސައްތަ އަށް ކަށަވަރު ކަމަށެވެ.

އެހެންނަމަވެސް ފުރަތަމަ ބައި ކުޅަ ބައި ޑޯޒް ދިނުމަށްފަހު 28 ދުވަސް ފަހުން ފުރިހަމަ ޑޯޒް ދިނުމުން 90 އިންސައްތަ އަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. އެގޮތުން 3000 މީހުން ބައިވެރިކޮށްގެން ހެދި މި ޓްރަޔަލް ގައި 90 އިންސައްތަ ކޮވިޑުން ރައްކާތެރި ކޮށްދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަނެއްކޮޅުން ހަތަރު ހަފްތާގެ މުއްދަތެއްގައި ދެ ފުލް ޑޯޒް ދިނުމުން ރައްކާތެރި ކޮށްދެނީ 62 އިންސައްތަ އަށް ކަމަށްވެސް ރިޕޯޓުތަކުގައި ބުންޏެވެ.

މިހާތަނަށް އައިއިރު ”ކޮވިޝީލްޑް“ ވެކްސިން ދޭ މީހުންގެ ފަރާތުން އެންމެ އާންމުކޮށް ފެންނަ ސައިޑް އެފެކްޓު ތަކަކީ ވެކްސިން ޖަހާ ހަށިގަނޑުގެ ސަރަހައްދަށް ރިހުމުގެ އިހުސާސް ކުރެވުމާއި، ރަތް ވުމާއި ހިރުވުމުގެ އިތުރުން އެ ސަރަހައްދު ހޫނުވެފައި ހުރުމެވެ. މި ކަންކަން ކޮންމެ 10 މީހަކު އެކެއްގެ ފަރާތުން ފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.