މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ވަނީ ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ކޮފްސީ ސިރަޕް މަނާކޮށްފައެވެ.

މިގޮތަށް މި ނިންމުން ނިންމާފައިވަނީ އެ ބޭހުގެ ކޮލިޓީއާ ގުޅޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީއެވެ.

އެމްއެފްޑީއޭ އިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ރާއްޖެ އެތެރެކުރާ ބޭހުގެ މާކެޓް ސާވެއިލަންސް ކުރަމުން ދަނިކޮށް، ކޮފްސީ ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވެއެވެ. މިއާ ގުޅިގެން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

މިއީ މި ބޭސް މަނާކުރެވޭ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މި ބޭސް ވަނީ މަނާކޮށްފައެވެ. އެ ފަހަރު މަނާކުރީ ސިރަޕުން ކުނޑިތަކެއް ފެނުމާ ގުޅިގެންނެވެ. ނަމަވެސް އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު އޭގައި މައްސަލައެއް ނެތް ކަމަށް ނިންމައި، އަލުން ބޭނުންކުރުމުގެ ހުއްދަ ދީފައިވެއެވެ.

އެމްއެފްޑީއޭ އިން ވަނީ އެއްވެސް ފާމަސީއެއްގައި މި ބޭސް ވިއްކަން ހުރި ނަމަ، ނައްތާލަން ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައެވެ. އަދި މި ބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެމްއެފްޑީއޭ އިން މި މައްސަލައާ ގުޅިގެން ކުރި އިއުލާނާއެކު އާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ސިރަޕުގެ ތެރޭގައި ކުނޑިތަކެއް ހުރި މަންޒަރެވެ.