ރ. ވާދޫ ސްކޫލާއި ވާދޫއަކީ ތިމާވެށި ހިމާޔަތްކުރުމުގައި ނަމޫނާ ތަނަކަށް ހެދުމަށް ރ. ވާދޫ ސްކޫލުން މާދަމާ ދެ ހަރަކާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ގޮތުން މާދަމާ ވާދޫ ސްކޫލްގެ ތިމާވެށި ކުލަބުން އިސްނަގައިގެން ފަށާ ”މަލަފެހި –  ސްކޫލްގެ ނަލަކަމަށް، މަގޭ ޒިންމާ“ ޕްރޮގުރާމްގެ އިތުރުން ޕާލޭ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ހިންގާ ”ސިންގަލް ޔޫޒް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ“ ޕްރޮގުރާމް އިފްތިތާޙްކުރުމަށް ވަނީ ހަމަޖެހިފައެވެ.

”މަލަފެހި –  ސްކޫލްގެ ނަލަކަމަށް، މަގޭ ޒިންމާ“ ޕްރޮގުރާމަކީ ވަދޫ ސްކޫލަކީ ފެހިކަން ގަދަ އާރޯ ތަނަކަށް ހެދުމަށް ހިންގާ ގަސް އިންދުމުގެ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމްގެ ދަށުން ސައިމާ އަދި ބޯގަންވިލާ ފަދަ ބަގީޗާ ގަސްތައް ސްކޫލްގެ ގޯތިތެރޭގައި އިންދާނެއެވެ.

ތިން މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގުރާމްގައި ދަރިވަރުންނާއި ސްކޫލް ހިއްސާވާ އެހެން ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުން ގަސް ހަދިޔާ ކުރުން ކުރިއަށް ދާނެ އެވެ.

މީގެ އިތުރުން، ”ސިންގަލް ޔޫޒް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ“ ޕްރޮގުރާމް އިފްތިތާޙްކުރާތާ އަހަރު ދުވަސް ތެރޭގައި ވާދޫއަކީ ސިންގަލް ޔޫޒް ޕްލާސްޓި ފްރީ (އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނެތް) ރަށަކަށް ވެގެންދާނެ ކަމަށް ވާދޫ ސްކޫލުން ބުނެއެވެ.

ދެ ޕްރޮގުރާމް ފެށުމުގެ ރަސްމިއްޔާތަށް ތައްޔާރުވުން | ވާދޫ ލައިވް ގެލަރީ

މި ޕްރޮގުރާމްގައި ރަށުގެ އެކި ސަރަހައްދުތަކުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ހިމެނޭ ތަކެތި ހޮވައި ސްކޫލަށް ގެންދާ މިންވަރަކުން ދަރިވަރުންނަށް އެވޯޑް ދެވޭނެ ކަމަށް ވެސް ވާދޫ ސްކޫލުން ބުނެއެވެ. އެ ތަކެތި އެޅުމަށް ހާއްސަ ބިންތައް ސްކޫލްގައި ބެހެއްޓިފައި ހުންނާނެއެވެ.

ރ. ވާދޫ ސްކޫލަކީ ތިމާވެށީގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުންދާ ސްކޫލެކެވެ.