މަޝްރޫއުގެ ތަފްސީލް: މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަތަރު ކުންފުންޏަކާއެކު، ނުވަ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި   ވެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި   ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ.

200 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން އަދި އާރއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމުކުރަން ހަމަޖެހިފައިވަނީ ބ. ހިތާދޫ، ރ. ރަސްގެތީމު، ރ. ވާދޫ، ށ.ފޯކައިދޫ، ށ. ކަނޑިތީމު، ތ.ކަނޑޫދޫ ތ. ވަންދޫ، ށ. ކޮމަންޑޫގެ އިތުރުން ށ.މަރޮށީ ގައެވެ.

މި މަޝްރޫއުގައި ސަރުކާރާއެކު އެއްބަސްވުމުގައި ސޮއި ކުރައްވާފައިވާ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ ގުޅިގެން ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރ. ވާދޫގައި 19،274،086 (ނަވާރަ މިލިއަން ދުއިސައްތަ ހަތްދިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ)ގެ މަޝްރޫއެއް މިހާރު ދަނީ ކުރިއަށެވެ.