ރ. ވާދޫ ރަށްވެހިންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުން (އެހެން ރަށްރަށުގެ މީހުން) ވާދޫގެ ދަފްތަރުގައި ޖެހުމުގެ މަސައްކަތް އަމިއްލަ ފަރުދުންތަކެއް އިސްވެ ފަށައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ފަރާތްތަކުން މިހާރު ވަނީ ރ. ވާދޫގައި ރަށްވެހިވުމަށް އެދޭ ފޯމް ނަގާފައެވެ. އަދި ފޯމް ފުރުމަށް ފަހު ވަރަށް އަވަހަށް ރ. ވާދޫ ކައުންސިލްގެ އިދާރާއަށް ހުށައަޅާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މި ވަގުތު ވާދޫގެ ޖުމުލަ އާބާދީއަކީ 619 އެވެ. މީގެ ތެރޭގައި ހިމެނެނީ 306 އަންހެނުންނާއި 313 ފިރިހެނުންނެވެ.
މާލޭގެ އުތުރުން 120 މޭލު ދުރުގައި އޮންނަ ވާދޫ އަކީ 44 ހެކްޓަރުގެ ރަށެކެވެ. ފަޅު ބޮޑު މިރަށުގެ ފަޅުގެ ބޮޑުމިނުގައި 600 ހެކްޓަރު ހުރެއެވެ. ފަޅުގެ ދިގު މިނުގައި 3.41 މޭލު ހުރެއެވެ.
އާބާދީ ކުޑަ މިރަށުގައި މަސްތުވާތަކެއްޗާއި ވައްކަމުގެ އަދި މާރާމާރީގެ މައްސަލަތައް އެއްވެސް ވަރަކަށް ރިޕޯޓެއް ނުކުރެއެވެ.
ވާދޫ ކައުންސިލުން ލަފާކުރާގޮތުގައި މިރަށުގެ އާބާދީއަށް ވުރެ ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ގިނައެވެ. ރަށުގެ އާބާދީއަށްވުރެ ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަ ވެފައި ވަނީ މިރަށުގެ ގިނަބަޔަކު ރަށުން ބޭރު މީހުންނާއި ކައިވެނިކޮށްގެން އުޅޭތީއެވެ.
