ނަރުހުންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ރ. ވާދޫ ސްކޫލުގެ މުވައްޒަފުން ދިނީ އުންމީދު ވެސް ނުކުރާ ”ބޮޑު ސަޕްރައިޒް އެއް“ ކަމަށް ރ. ވާދޫ ސިއްހީ މަރުކަޒުގެ ނަރުހުން ބުނެފިއެވެ.

އިއްޔެ ވާދޫ ސްކޫލްގެ މުވައްޒަފުން ވަނީ ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތެއް ހިންގާފައެވެ.

އެ ސްކޫލްގެ މުވައްޒަފުން ވަނީ ސިއްހީ މަރުކަޒަށް ގޮސް އެ ތަނުގައި ޚިދުމަތްކުރާ ނަރުހުންގެ އަގު ވަޒަން ކުރުމަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. އަދި ނަރުހުންގެ އިތުރުން ހޮސްޕިޓަލުގެ ކޮންމެ މުވައްޒަފަކަށް ގިފްޓް ހެމްޕާއަކާއި މާ ބޮނޑިއެއް ދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރ. ވާދޫ ސިއްހީ މަރުޒަކު ހިންގެވުމާއި ހަވާލުވެ ހުންނެވި މުހައްމަދު ޟަފީގު ވިދާޅުވީ، ވާދޫ ސްކޫލުގެ މުވައްޒަފުން އެ މަރުކަޒަށް ޒިޔާރަތްކޮށް ނަރުހުންގެ އަގު ވަޒަންކުރުން ވެގެން ދިޔައީ ނަރުހުން ވަރަށް އުފާވި ކަމަކަށެވެ. މުހައްމަދު ޟަފީގު ވިދާޅުވީ ކުއްލި ގޮަތަކަށް ސްކޫލްގެ މުވައްޒަފުން ދިއުމުން ނަރުހުން ތިބީ ވަރަށް ހައިރާން ވެފައި ކަމަށެވެ.

ރ. ވާދޫ ސްކޫލުގެ މުވައްޒަފުން ޞިއްޙީ މަރުކަޒަށް ކުރި ޒިޔާރަތް | ފޮޓޯ: ރ. ވާދޫ ސްކޫލް

މި ފިލާ ނަރުހުންނަށް އެރުވީ ވާދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނަސީމާއި އެ ސްކޫލްގެ ލީޑިންގ ޓީޗަރ މުހައްމަދު ރިޔާޟް އެވެ.

ރ. ވާދޫ ސިއްހީ މަރުކަޒުގައި ޖުމުލަ 3 ނަރުހުން މަސައްކަތް ކުރެއެވެ. އެއީ ހެޑް އޮފް ނާރސެސް، ރަޖިސްޓާޑް ނާރސް މުސްލިމާ މުހައްމަދު، ރަޖިސްޓާޑް ނާރސް މިނީ މަލައިކާ އަދި ރަޖިސްޓާޑް ނާރސް އަންޒު ޖޯއީ އެވެ.

ރ. ވާދޫ ސްކޫލްގެ ލީޑިންގ ޓީޗަރު މުހައްމަދު ރިޔާޟް ވަނީ ނަރުހުން ތިބީ ވަރަށް އުފަލުން ކަން ފާހަގަކުރައްވާފައެވެ. އަދި އެ މީހުން ތިބީ ކުށްލި ހައިރާން ކަމެއްގައި ކަމަށް ރިޔާޟް ވެސް ވިދާޅުވިއެެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 12 ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަ ކުރާ ނަރުހުންގެ ދުވަހެވެ.

ބައިނަލްއަޤުވާމީ ގޮތުން ނަރުހުންގެ ދުވަސް ފާހަގަ ކުރާތާ އެތަކެއް އަހަރުވެފައިވާ އިރު، ރާއްޖޭގައި މި ދުވަސް ނަރުހުން ފާހަގަކުރަނީ ކުލަގަދަކޮށެވެ. ހޮސްޕިޓަލްތައް ޒީނަތްތެރި ކުރުމާއި މާފަތި ދެމުމާއި މާމެލާމެލިން ތަން ޒީނަތްތެރި ކުރުމުގައެވެ. ނަމަވެސް މިއަދު އެ ޙާލަތު މިވަނީ ބަދަލުވެފައެވެ. ނަރުހުން މަސައްކަތް ކުރަމުން އެދަނީ ހޮސްޕިޓަލް ޒީނަތްތެރި ކޮށް ހެދުމުގައެއް ނޫނެވެ.

ނަރުހުން މަސައްކަތް ކުރަމުން އެދަނީ ކޯވިޑް-19 ގެ ޝިކާރައަކަށް ވެފައިވާ ދިވެހި މުޖްތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ މާލިމީންނަށް އެހީވުމުގައެވެ. އަމިއްލަ ނަފުސައް ބެލުމެއް ނެތި ޤައުމީ ޚިދުމަތުގައެވެ.

ޤައުމީ އަބުޠާލުންގެ ގޮތުގައި މިދިވެހި މުޖުތަމަޢަށް ތިޔަ ނަރުހުން ވަމުންދާ ޤުރުބާނީ ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރަމެވެ. ދުވަސް ފާއިތުވެފައި ވީ ނަމަވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނަށް، ޚާއްޞަކޮށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަރުހުން ކުރަމުންގެންދާ ޤައުމީ ޖިހާދުގެ އަގުވަޒަންކޮށް ދުވަހުގެ މަރުޙަބާ އާއި ތަހާނީ އަގު ނުކުރެވޭފަދަ އުފަލަކާއެކު އަދާ ކުރަމެވެ.