އާންމު ގޮތެއްގައި ފިތުރު ޢީދު ފާހަގަކުރުމަށް މާ ހާއްސަ ކަންތައްތަކެއް ރ. ވާދުގައި ނޯވެއެވެ. ވާދޫގައި ބޮޑަށް ފާހަގަކުރެވިގެންދަނީ އަލްހާ އިދުގެ މުނާސަބާއެވެ.
އެކަމަކު ފިލާވާލެއްގެ ތަމްރީން ހެދުމަށް މި ފަހަރު ރ. ވާދޫ ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުން މި ވަނީ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ވާދޫ ސްކޫލްގެ ގޯތިތެރޭގައި ބެލެނިވެރިންނާއި ޓީޗަރުންގެ އެހީތެރިކަމާއެކު ތުއްތު ދަރިވަރުން ވަނީ ކުޑަ ކޯޑިއެއް ހައްދައި ވާދޫގައި އެ ކުޅިވަރު ކުޅޭ ގޮތަށް ކުޅެފައެވެ. ފަންގަނޑު ފޮރުވައި ފަންގަނޑު ހޯދުން ވެސް ވަނީ ކުރިއަށް ގޮސްފައެވެ.
މިއީ މިފަހުގެ ތާރީޚެއްގައި ވާދޫ ސްކޫލުން ޢީދެއް ފާހަގަކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އަލްހާ ޢީދެއް ވެސް އެ ސްކޫލްގެ ހުރިހާ ދަރިވަރުން ބައިވެރިވެ ފާހަގަކުރިއެވެ.
ނަމަވެސް، އިއްޔެ ހަރަކާތުގައި ބައިވެރިކޮށްފައި ވަނީ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލްގެ މުވައްޒަފުންނެވެ.
މި ހަރަކާތަކީ އެ ދަރިވަރުންގެ ރޯދަ ތީމްގެ ފަހު ފިލާވަޅުގެ ތަމްރީނެކެވެ.
