ރ. ވާދޫ ސްކޫލާއި ވާދޫއަކީ ތިމާވެށި ހިމާޔަތްކުރުމުގައި ނަމޫނާ ތަނަކަށް ހެދުމަށް ވާދޫ ސްކޫލްގެ ތިމާވެށި ކުލަބުން އިސްނަގައިގެން ފެށި ޕާލޭ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ހިންގާ ”ސިންގަލް ޔޫޒް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ“ ޕްރޮގުރާމްގެ ފުރަތަމަ ބުރުގައި ދަށް ގްރޭޑްތަކުގެ ދަރިވަރުން ހޮވާފައިވާ 6810 ޕްލާސްޓިކް ފުޅި ސްކޫލަށް ބަލައިގެންފިއެވެ.

އިއްޔެ ވާދޫ ސްކޫލަށް ބަލައިގެން މި ފުޅިތަކުން 4 ޖަމްބޯ ބޭގް ވަނީ ފުރާލާފައެވެ. މި އަދަދަކީ އެއް އަހަރު ދުވަހަށް ކުރިއަށްދާ މި ޕްެރޮގުރާމްގެ ފުރަތަމަ ބުރުގައި ގްރޭޑް 4 އިން މަތީގެ ދަރިވަރުން ހޮވި ފުޅިތައް ނުހިމަނައި ހަމައެކަނި ފައުންޑޭޝަން ސްޓޭޖް، ގްރޭޑް 1، ގްރޭޑް 2 އަދި ގްރޭޑް 3ގެ ދަރިވަރުން ހޮވި ފުޅިތަކުގެ އަދަދު ކަމަށް ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަސީމް ވިދާޅުވެއެވެ.

ނަސީމް ވިދާޅުވީ، އެހެން ގްރޭޑްތަކުގެ ދަރިވަރުން އެއްކުރި ފުޅިތައް އަންނަ ހަފްތާގައި ސްކޫލަށް ބަލައިގަންނަން ފަށާނެ ކަމަށާއި، އެ އަށް ފަހު ފުޅި ބަލައިގަތުން ކުރިއަށް ދާނީ ކޮންމެ ހަފުތާއެއްގެ ވެސް ބުދަ ދުވަހު ކަމަށެވެ.

މި ފުޅިތައް މާލެ ފޮނުވަނީ ރ. އަތޮޅުން މާލެ ދަތުރުކުރާ ”މެހެމާނީ“ ބޯޓުންނެވެ. ”މެހެމާނީ“ ބޯޓުން މި ފުޅިތައް އުފުލައި ދިނުމަށް ހަމަޖެހިފައި ވަނީ އިޖުތިމާއީ ކަމެއްގެ ގޮތުގައި ދެކިގެން ހިލޭ ސާބަހަށެވެ.

ސްކޫލްގެ ޕްރިންސިޕަލް ފާހަގަކުރެއްވި ގޮތުގައި މި ކަމުގައި ރަށުގެ އާންމު ފަރުދުންނާއި ކުންފުނިތަކާއި މުވައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ދަނީ ލިބެމުންނެވެ. އަދި ފުޅިތައް ހޮވުމުގެ ސަބަބުން ވާދޫގެ ގޮނޑުދޮށްތަކުންނާއި މަގުތަކުން އަދި ވަލު ތެރޭން ވެސް ޕަލާސްޓިކް ފުޅިއެއް މިހާރު ނުފެންނަކަން ނަސީމް ފާހަގަކުރެއްވިއެވެ.

މީގެ ދެމަސްކުރިން ”ސިންގަލް ޔޫޒް ޕްލާސްޓިކަށް ނޫނެކޭ ބުނަމާ“ ޕްރޮގުރާމް އިފްތިތާޙްކުރި އިރު، އަހަރު ދުވަސް ތެރޭގައި ވާދޫއަކީ ސިންގަލް ޔޫޒް ޕްލާސްޓި ފްރީ (އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނެތް) ރަށަކަށް ވެގެންދާނެ ކަމަށް ވާދޫ ސްކޫލުން ދެކެއެވެ.

މި ޕްރޮގުރާމްގައި ރަށުގެ އެކި ސަރަހައްދުތަކުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ހިމެނޭ ތަކެތި ހޮވައި ސްކޫލަށް ގެންދާ މިންވަރަކުން ދަރިވަރުންނަށް އެވޯޑް ދެވޭނެ ކަމަށް ވެސް ވާދޫ ސްކޫލުން ބުނެއެވެ. އެ ތަކެތި އެޅުމަށް ހާއްސަ ޕާލޭ ޖަމްބޯ ބޭގް ސްކޫލްގައި ބެހެއްޓިފައި ހުންނާނެއެވެ.

ރ. ވާދޫ ސްކޫލަކީ ތިމާވެށީގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކަމުންދާ ސްކޫލެކެވެ.