މިއުޒިކު ބޭނުން ކުރެވިފައިވާ ކޮންމެ އަޑަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ހުއްދަނޫން، ހަރާމް ކުރެވިގެންވާ އަޑުތަކެކެވެ.
ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ “ އަދި މީސްތަކުންގެ ތެރޭގައި ވިޔާނުދާ ވާހަކަތައް ގަނެ ފަތުރާބަޔަކުވެއެވެ. އެއީ އެއްވެސް ޢިލްމަކާއި ނުލައި މާތް ﷲގެ މަގުން މީސްތަކުން ދުރުކުރުމަށްޓަކައެވެ. އަބައިމީހުންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.
އަދި އިމާމް އިބްން ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްން މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ.
އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ)) [الإسراء:64] މާނައީ “ އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! “ ތަފްސީރު ޢިލްމުވެރިންގެތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރް ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.
އަދި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ))ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف(( (رواه البخاري في صحيحه معلقاً بصيغة الجزم) މާނައީ: ”ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ.“ މިޙަދީސްފުޅުގެ މާނަޔަށް ބަލައިލުމުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ވަރަށް ރީއްޗަށް ދޭހަވެއެވެ.
އަދިވެސް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައިވެއެވެ. ((ليشربن ناس من أمتي الخمر يسمونها بغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهم القردة والخنازير(( (صححه الألباني في غاية المرام))
މާނައީ: “ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ.“