ރ. ވާދޫގައި އަލަށް އިމާރާތްކުރާ ހުކުރު މިސްކިތުގެ ނުނިމި ހުރި މަސައްކަތާ ހަވާލުވި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ބޭފުޅުން މިއަދު ވާދޫ ކައުންސިލްއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމަކީ މިސްކިތުގައި ނިމިފައިވާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ކުންފުނިން ވާދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން ކުރެއްވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުވުމުގައި ވާދޫ ކައުންސިލްގެ ބޭފުޅުންނާއި ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ބޭފުޅުންގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.
4.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ހަައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ހަބީބެވެ.
ވާދޫގައި 2019 ވަނަ އަހަރު އިމާރާތް ކުރަން ފެށި އާ މިސްކިތުގެ މަސައްކަތް ހުއްޓުނީ، މި މަސައްކަތް ފުރަތަމަ ހަވާލުކުރި އެސްކޮން ބިލްޑާރސް ކުންފުނިން އެ މަސައްކަތް ނުކޮށް ދިގުލައިގެން ދާތީ، މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފަރަސްޓަކްޗާރ އިން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމުންނެވެ.
މި މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު 16 ވަނަ ދުވަހު ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށް ފަހުއެވެ.
ވާދޫގެ މިސްކިތުގެ ބިންގާ އެޅުއްވުމަށް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވާދޫއަށް އެ ދުވަހު ވަޑައިގަތެވެ. އަދި ބިންގާ އަޅުއްވައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވިއެވެ.
