ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު ރ. ވާދޫގައި ބޭއްވެ މި ބައްދަލުކުރެއްވުމުގައި ރ އަތޮޅު ކައުންސިލާއި ރައްޔިތުންނަށް ބޭނުންވާ މުހިންމުކަންކަން އަތޮޅު ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރ އަތޮޅު ކައުންސިލުގެ ރައީސްއާއި ނައިބު ރައީސް އަދި އިތުރު މެންބަރަކު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު ވާދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރ ވާދޫ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެގޮތްވުމާއި އަތޮޅުގައި ހުރި ފަޅުރަށްރަށުގެ ތެރެއިން އަތޮޅު ކައުންސިލުގެ ބޭނުންތަކަށް ރަށެއް ހަމަޖައްސައިދިނުމާއި އަދި އަތޮޅަށް ސްޕީޑްފެރީގެ ޚިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު މަގުތައް ހެދުމާއި އެރަށުގައި ހަދާފައިވާ އިސްލާމީ މަރުކަޒު ނުހުޅުވި ލަސްވާ މައްސަލައާ އަދި އުނގޫފާރުގެ ތަރައްޤީއަށް މުހިންމު އިތުރު ކަންކަމާބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި މަޝްރޫއުތަކާ ގުޅޭގޮތުން އެންމެފަހުގެ މަޢޫލޫމާތުތައް ކައުންސިލުގެ މެންބަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވަން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން އިއްޔެ ރ. ވާދޫއަށް ކުރެއްވި ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސްގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.