ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ން ކުރިއަށްގެންދާ ”21 ޑޭސް ނޯ ޕްލާސްޓިކް“ ކެމްޕޭންގައި ރ. ވާދޫގެ ފޮޓޯއެއް ހޮވިއްޖެ އެވެ.

މި ފޮޓޯއަކީ ރ. ވާދޫގެ ދުވަސްވީ ފޮޓޯގުރަފަރު މުހައްމަދު ޝަފީގު ނަގާފައިވާ ފޮޓޯއެކެވެ. ދިރާގުން މި ދިޔަ ހަފުތާގައި ހޮވި 4 ފޮޓޯގެ ތެރޭގައި މުހައްމަދު ޝަފީގުގެ މި ފޮޓޯ ވަނީ ހިމެނިފައެވެ.

ދިރާގުން ”21 ޑޭސް ނޯ ޕްލާސްޓިކް“ ގެ ނަމުގައި އެއްފަހަރު ބޭނުންކޮށްފާ އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ހާއްސަ ކެމްޕޭނެއް ފެށީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.


ދިރާގުން ބުނީ އެ ކެމްޕޭން ފަށާފަވަނީ ބައިނަލް އަގްވާމީ ކޯސްޓަލް ކްލީން އަޕް އެވެއާނަސް މަސް 2021 ފާހަގަކުރުމާ ގުޅިގެން ކަމަށެވެ.

އެއް ފަހަރު ބޭނުން ކޮށްފަ އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ވެފާވަނީ ދިރިއުޅުމުގައި އަށަގަނެފައިވާ ނޭދެވޭ އާދައަކަށް ކަމަށާ އާ އާދައެއް އަށަގެންނެވުމަށް އެކަމެއް 21 ދުވަހަށް ކުރުމަކީ ވަރަށް މަޝްހޫރު ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ 21 ދުވަހުގެ ތެރޭގައި އެނޭދެވޭ އާދަ ދޫކޮށްލާ، ޕްލާސްޓީކް ނޫން ގޮތްތައް ދިރިއުޅުމުގެ އެކި ކަންތައްތަކުގައި ބޭނުން ކުރުމަށް ބާރު އެޅުން ކަމަށެވެ.

އެގޮތުން، އެ ކެމްޕެއިންގައި ބައިވެރިވެވޭނީ މި ހޭޝްޓެގް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި އެމީހެއް އެއްފަހަރު ބޭނުންކޮށްފާ އެއްލާލާ ޕްލާސްޓިކާ ދެކޮޅަށް ނުވަތަ އެއާދަ ދޫކޮށްލުމަށް ކުރަން ގަސްތުކުރާ ކަންތައް ހިއްސާކޮށްލައިގެން ކަމަށް ދިރާގުން ބުނެފައިވެއެވެ.

ކޮންމެ ހަފުތާއެކު މި ކެމްޕެއިނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަސީބުވެރި 3 ފަރާތެއް ހޮވިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ. އަދި 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 9 ފަރާތް ހޮވިގެން ދާނެ ކަމަށާ އެ ފަރާތްތަކަށް ”ޕްލާސްޓިކް ފްރީ ސްޓާޓާ ޕެކް“ ހަދިޔާއެއްގެގޮތުގައި ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިއެވެ. އެ ގިފްޓް ޕެކްގައި ހިމެނެނީ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި ގެންގުޅެވޭނެ ތަކެތި ކަމަށް ވެސް ދިރާގުން ބުނެއެވެ.

”ބައެއް މީހުންނަށް ހީވަނީ ފުޅީގެ ފޮޓޯ އަހަރެން ނަގަންފެށީ ހަމަ އެކަނި ރީއްޗަކަށޭ! ނޫން އިންސްޓަގްރާމް ބޭނުންކުރަންފެށި ފަހުން މިފަދަ އެތަށް ޕޯސްޓެއް ވާނެ ހިއްސާ ކުރެވިފައި. އެކި ހޭސްްޓެގް ބޭނުން ކޮށްގެން.“ ނަގާފައިވާ ފޮޓޯއާ ގުޅިގެން ރ. ވާދޫ ލައިވް އަށް މުހައްމަދު ޝަފީގު ވިދާޅުވިއެވެ. ”އަދި ފޮޓޯ ނަގާފައި ފުޅި ދުލެއްވެސް ނުކުރަން. އެތަނުން އެ ނަގަންވެސް ނަގާފައި މޫދަށް ނުދާގޮތް ނައްތާލާން.“

މުހައްމަދު ކިޔައިދިން ގޮތުގައި ފޮޓޯ އިން ފެންނަނީ 2021 ސެޕްޓެމްބަރު 21 ވަނަ ދުވަހު ރ. ވާދޫ އުތުރުކޮޅު ތުނޑިއަށް ޖެއްސި ސީޕްލޭންއާ މާދުރު ނޫން ހިސާބެއްގައި އޮތް ފެންފުޅިއެކެވެ، އެ ފުޅި  އަޅައިގަތީ ސަބަބެއް ނެތި އެއް ނޫނެވެ.

”ފޮޓޯ ނެގީ ޕްލާސްޓިކަށް އަށް އަބަދުވެސް ނޫން ބުނެވޭތީ. 2013 ގައި އިންސްޓަގްރާމް ބޭނުން ކުރި ފަހުން މިފަދަ އެތަށް ޕޯސްޓެއް ވާނެ ހިއްސާ ކުރެވިފައި. ހޭސްްޓެގް ބޭނުން ކުރަން ލަފާދެއްވީ އަޅުގަނޑުގެ އަޚް އަޙްމަދު ޝާހިދު،“ ޝަފް އިމޭޖްގެ ނަމުގައި އަމިއްލަ ބްރޭންޑެއް ރަޖިސްޓްރީކޮށްފައިވާ މުހައްމަދު ވިދާޅުވިއެވެ.