ޑްރަގުގެ މައްސަލައެއްގައި ހައްޔަރު ކުރި ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އާ ދެކޮޅަށް އެ ޕާޓީން ފިޔަވަޅު އަޅައިފިއެވެ.

ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި އަލިފުށީ ދާއިރާއަށް ކުރިމަތިލައި ނާކާމިޔާބުވި، އަހުމަދަށް ތުހުމަތުކުރަނީ މާލޭގެ ގެއެއްގެ ތެރޭގައި 42 ކިލޯގެ މަސްތުވާތަކެތި ފޮރުވި މައްސަލައެއްގައެވެ.

އަހުމަދު ހަސަނަކީ މި މައްސަލައިގެ ފުލުހުން ތުހުމަތު ކުރާ އެންމެ އިސް މީހާއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ހުސެއިންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ލިބުމާއެކު އެ މައްސަލަ ބެލުމަށް ފަހު ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ޕީއެންސީން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ އަހުމަދު ހުސެއިން ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަކި ކުރުމާއި ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަންނެވޭ ގޮތަށް ސަސްޕެންޑް ކުރުމެވެ.

ޕީއެންސީގެ އަސާސީ ގަވައިދަށް ބަލާއިރު، ޕާޓީގެ ސިޔާސަތުތަކާ ހިލާފުވެ ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމުގެ ބާރު ޕާޓީގެ އަސާސީ ގަވައިދުން ޕާޓީއަށް ލިބިފައިވެއެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނި ގޮތުގައި އަހުމަދު ހުސެއިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުޑަ ބޮޑު މިނަށް ބަލައި، އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ނިންމާފައި ވަނީ މީގެކުރިން ވެސް މިފަދަ ކަންކަމުގައި އަމަލު ކުރަމުން އައި ގޮތްތަކަށް ރިއާޔަތް ކުރުމަށް ފަހުއެވެ.