ކުރިއަށް އޮތް ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022ގެ ޚަބަރާއި ފަހުގެ އަދާހަމަތައް ރ. ވާދޫ ލައިވް އިން ވެސް ގެނެސްދޭން ނިންމައިފިއެވެ.
ރ. ވާދޫ ލައިވްގެ އޮފިޝަލަކު ވިދާޅުވީ، މިމުބާރާތަކީ ވަރަށް ހާއްސަ މުބާރާތެއް ކަަމަށެވެ. ސަބަބެއް ކަމަށް ފާހަގަކުރީ އަތޮޅު ފެންވަރުގެ މި މުބާރާތުގައި ވާދޫގެ ޓީމަކުން ބައިވެރިވުމެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުގައި ވާދޫ ތަމްސީލް ކުރާނީ ރ. ވާދޫ އެފްސީއެވެ. ރ. ވާދޫ ލައިވް އިން މުބާރާތުގެ އަދާހަމަތައް ގެނެސްދޭން ނިންމި ނަމަވެސް، މުބާރާތް ކުރިއަށްދާއިރު މި ނޫހުން އިސްކަންދޭނީ ހަމައެކަނި ރ. ވާދޫ އެފްސީ ކުޅޭ މެޗްތަކަށެވެ.
މި މުބާރާތުގައި ވާދަކުރުމަށް ރ. ވާދޫ އެފްސީން ނުކުންނައިރު، މި ޓީމުގައި ހިމެނެނީ ރ، ވާދޫގައި މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެެކެވެ.
އެ ގޮތުން މި ޓީމްގައި ހިމެނެނީ، ސިދާދު ޔޫސުފް (އެއްލު)، އަޙުމަދު މާއިސް (މާއިއްކޮ)، އަބްދުﷲ އާރިފް، ސާއިން ޔޫސުފް (ބޭބެ)، ތާސީން ސައީދު (ތޯބެ)، އަލީ ޝަހީމް، މުޙައްމަދު އަދުހަމް (އަދޭ)، އަދީލް ރަޝީދު، މުޙައްމަދު މަންސޫރު (މަންޓެ)، މުޙައްމަދު ސައުސަން (ސާއްޓެ)، ޔާސީން ސައީދު (ޔާބެ)، އަދި އިބްރާހިމް އަޔާޒްގެ އިތުރުން އަބްދުﷲ ހަފީޒްއެވެ. މީގެ އިތުރުން ގޯލް ކީޕަރުންގެ ގޮތުގައި މުޙައްމަދު މާހިދު، ތަސްނީމް ސައީދު އަދި އަޙުމަދު އަރީފްގެ ނަން ޓީމް ލިސްޓްގައި ހިމަނާފައިވެއެވެ.
ޢަލީ ނާޒިމް މެނޭޖްކުރާ ރ. ވާދޫ އެފްސީގެ ކުޅުންތެރިން ކުޅޭނީ އެ ޓީމްގެ ކޯޗް ހަސަން ނަސީމްގެ އިރުޝާދުގެ ދަށުންނެވެ. ޓިމްގެ އޮފިޝަލުންގެ ގޮތުގައި އިބްރާހިމް ޝަހީމް އަދި މިފްތާހް މުޙައްމަދު ހަަރަކާތްތެރިވާނެއެވެ. އަދި މެޑިކަލް އޮފިޝަލެއްގެ ގޮތުން އަބްދުލް މަޖީދާއި ޓްރެއިނަރެއްގެ ގޮތުން މުޙައްމަދު އާސިފް ވެސް ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ރ. ވާދޫ އެފްސީ އިން މިހާރު އަންނަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ. މި ފަރިތަކުރުންތައް ކުރިއަށްގެންދަނީ ރ. ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑްގައެވެ.
ރ. ވާދޫގެ އިތުރުން، މި މުބާރާތުގައި – ރ. ހުޅުދުއްފާރު، ރ. އުނގޫފާރު، ރ. ދުވާފަރު، ރ. މާކުރަތު، ރ. ރަސްމާދޫ، ރ. އިންނަމާދޫ އަދި ރ. އިނގުރައިދޫ އާއި ރ. ފައިނުގެ އިތުރުން ރ. މީދޫގެ ޓީމެއް ވެސް ބައިވެރިވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަޤުސަދެކެވެ.
ޗެމްޕިއަން ޓީމަކަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައިވާ މި މުބާރާތުގެ ރަނަރ-އަޕް ޓީމަށް ވެސް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ރ. އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވާ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2022 ފެށުމަށް ހަމަޖެހިފައި ވަނީ 3 ނޮވެމްބަރު 2022ގައި ރ. އުނގޫފާރުގައެވެ.
