ރ. އުނގޫފާރުގައި މިއަދު ފެށި އަތޮޅު ހޭންޑްބޯލް މުބާރާތް 2023ގެ ފުރަތަމަ މެޗުގައި ރ. މަޑުއްވަރީއާ ވާދަކޮށް ރ. އިނގުރައިދޫ ކުރި ހޯދައިފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގެ އޯޕަނިންގ މެޗުތައް ކުޅެފައިވަނީ މިއަދު ހަވީރު އުނގޫފާރު ފުޓްސަލް ދަނޑުގައެވެ.

މިމެޗުން އިނގުރައިދޫ މޮޅުވެފައިވަނީ، 5-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނުވަތަ ކުއީން އޮފް ދަ މެޗުގެ ލަގަބު ލިބިފައިވަނީ އިނގުރައިދޫ ހޭންޑްބޯލް ޓީމުގެ ޖާޒީ ނަންބަރު 22 އާމިނަތު މިންނާ އަށެވެ.

މިމެޗުން އިނގުރައިދޫ ހޭނޑްބޯލް ޓީމު ހޯދި ކާމިޔާބީއަށް އެ ރަށުންވަނީ ހޫނު މަރުހަބާ ކިޔާފައެވެ. މެޗަށް ފަހު ޓީމު ރަށަށް ދިޔަ ވަގުތަކީ ބޯކޮށް ވާރޭވެހެމުންދިޔަ ވަގުތެއް ނަމަވެސް ބޯވިއްސާރައިގައިވެސް ސަޕޯޓަރުން ނިކުމެ ބަނދަރު ސަރަހައްދުންވަނީ ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ.

ޖުމުލަ ހަތަރު ޓީމަކުން މިއަހަރު ވާދަކުރާ ރ. އަތޮޅުގެ ހޭންޑްބޯލް ޢީދު ފަށާފައިވާއިރު މިމުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އުނގޫފާރުގައެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވީ، މުބާރާތް ހޯސްޓުކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި އެއްވެސް ރަށަކުން އެ ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އާއި އަތޮޅުގެ މެދުތެރޭގެ ރަށެއްގައި މުބާރާތް ބާއްވަން ފެންނާތީ އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގައި މުބާރާތް ބާއްވާ ގޮތަށް ހަމަޖެއްސީ ކަމަށެވެ.

މިމުބާރާތުގެ ޗެމްޕިއަން އަދި ރަނަރ-އަޕް ޓީމަށް ޖުމުލަ ބައިލައްކަ ރުފިޔާގެ ފައިސާގެ އިނާމު ދޭނެ ކަމަށް ނާސިފް ފާހަގަކުރެއްވިއެވެ. މުބާރާތުގެ އެކިއެކި ވަނަތަކާއި މަގާމުތައް ހޯދާ ކުޅުންތެރިންނަށް މެޑައްޔާއި ޓްރޯފީގެ އިތުރުން ހަނދާނީ ލިޔުން ދޭނޭ ކަމަށް ނާސިފް ވިދާޅުވިއެވެ.

މިމުބާރާތުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި، މުބާރާތަށް ޝައުގުވެރިކަން ފާޅުކޮށް ވާދަކުރަން ހުށަހެޅީ، ރ. އިނގުރައިދޫއާއި ރ. މަޑުއްވަރީގެ އިތުރުން ރ. ހުޅުދުއްފާރު އަދި ރ. އަނގޮޅިތީމުންނެވެ.

މިހަތަރު ރަށް ތަމްސީލުކުރާ ޓީމުތައް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ނޮވެމްބަރުމަހުގެ 8 ގެ ނިޔަލަށެވެ.

އެންމެ ފުރަތަމަ މެޗުގައި ވާދަކުރީ، މަޑުއްވަރީ އާއި އިނގުރައިދޫއެވެ. އަދި ދެވަނަ މެޗުގައި ހުޅުދުއްފާރާއި އަނގޮޅިތީމު ބައްދަލުކޮށްފައިވެއެވެ.

މާދަމާގެ ހަވީރު 15:45ގައި މަޑުއްވަރީ އާއި ހުޅުދުއްފާރު އަދި 16:45ގައި އިނގުރައިދޫ އާއި އަނގޮޅިތީމު ބައްދަލުކުރާ މެޗު އޮންނާނެއެވެ.

ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ އޮންނާނީ ހަވީރު 15:45ގައި އިނގުރައިދޫ އާއި ހުޅުދުއްފާރު އަދި 16:45ގައި މަޑުއްވަރީ އާއި އަނގޮޅިތީމު ބައްދަލުކުރާ މެޗު ކުޅޭނެއެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ.