މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން މިއަދު ފެށި ރ. އަތޮޅު ހޭންޑްބޯލް މުބާރާތް 2023 އިން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ މެޗު ކުޅޭ ދަނޑުގެ ވަށައިގެން ފަލަސްތީނުގެ ދިދަ ހަރުކޮށްފައި ހުރި ކަމެވެ. ހަމަ ޔަގީނުންވެސް މި ކަމުން އެނގިގެންދިޔަ އެއް ކަމަކީ ރ. އަތޮޅަށް ހޭންބޯޅައިގެ އީދެއް އައިސްގެން އުޅޭ ނަަމަވެސް، ރ. އަތޮޅު ކައުންސިލާއި ރ. އަތޮޅުގެ ރައްޔިތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާންނައްތާނުލާ ކަމެވެ.

މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ދަނޑުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ނަމަވެސް ލޮލުގައި އަޅައިގަންނަ ރަތާއި ފެއްސާއި ހުދާއި ކަޅުގެ ދިދައިން ރަމުޒުކޮށްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެވެ. މިއަދު އެ މިނިވަންކަން ގަދަބާރުން ބަޔަކު ނިގުޅައިގަނެފައިވާއިރު އެކަމާ ދެކޮޅަށް ރ. އަތޮޅު އޮތް ކަމުގެ ހެއްކަކަަށް އެ ދިދަތައް ފުދެއެވެ. މުޅި ދަނޑުން ދިން މެސެޖަކީ ”އަހަރެމެން މިތިބީ ފަލަސްތީނާއެކު“ ކަމެވެ.

މިއަދު އޮތް އޯޕެނިންގ މެޗުތައް ބައްލަވާލެއްވުމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވަޑައިގަތީ ފަލަސްތީނަށް ހާއްސަކޮށްފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ރ. ވާދޫ ލައިވް އަށް ވިދާޅުވީ، މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު ފަލަސްތީން ރައްޔިތުންނަށް އެހީވުމަށްޓަކައި އަތޮޅު ކައުންސިލުން ފަންޑް ފޮއްޓެއް ބަހައްޓާފައި ހުންނާނެ ކަމަށެވެ. މިފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ އިންސާނީ އެހީދޭ ޖަމިއްޔާއެއް މެދުވެރިކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށެވެ.

މިމުބާރާތުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި، މުބާރާތަށް ޝައުގުވެރިކަން ފާޅުކޮށް ވާދަކުރަން ހުށަހެޅީ، ރ. އިނގުރައިދޫއާއި ރ. މަޑުއްވަރީގެ އިތުރުން ރ. ހުޅުދުއްފާރު އަދި ރ. އަނގޮޅިތީމުންނެވެ.

މިހަތަރު ރަށް ތަމްސީލުކުރާ ޓީމުތައް ވާދަކުރާ މިމުބާރާތް ކުރިއަށްދާނީ ނޮވެމްބަރުމަހުގެ 8 ގެ ނިޔަލަށެވެ.

އެންމެ ފުރަތަމަ މެޗުގައި ވާދަކުރީ، މަޑުއްވަރީ އާއި އިނގުރައިދޫއެވެ. އަދި ދެވަނަ މެޗުގައި ހުޅުދުއްފާރާއި އަނގޮޅިތީމު ބައްދަލުކޮށްފައިވާއިރު މާދަމާގެ ހަވީރު 15:45ގައި މަޑުއްވަރީ އާއި ހުޅުދުއްފާރު އަދި 16:45ގައި އިނގުރައިދޫ އާއި އަނގޮޅިތީމު ބައްދަލުކުރާ މެޗު އޮންނާނެއެވެ.

ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ އޮންނާނީ ހަވީރު 15:45ގައި އިނގުރައިދޫ އާއި ހުޅުދުއްފާރު އަދި 16:45ގައި މަޑުއްވަރީ އާއި އަނގޮޅިތީމު ބައްދަލުކުރާ މެޗު ކުޅޭނެއެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 8 ވަނަ ދުވަހުއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,227 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ. ޔަހޫދީންގެ މި ގަތުލުއާންމު ހިންގަމުން ދަނީ އެމެރިކާގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.