ރ. ވާދޫ ސިޓީ ހޮޓެލްގެ ޢަމަލީ މަސައްކަތް ނުފެށި ހަތް އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

ވާދޫގެ ފަތުރުވެރިކަމުގެ މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 2016ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ.

ފަހުން އެކުންފުންޏަށް އެކަން ނުވުމުން، ތިން ހެކްޓަރުގެ ބިމުގެ އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13ވަނަ ދުވަހުގައެވެ. މިއަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު އެ ކުންފުންޏާ ހަވާލުކުރިތާވެސް ދެ އަހަރުވާނެއެވެ.

ރ. ވާދޫ ލައިވްއަށް އެނގިފައިވާ ގޮތުގައި، ސިންގަޕޫރުގައި ރަސްޖިސްޓަރީކޮށްފައިވާ އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑަކީ އިންޑިއާގެ މޯހަން މުތާ ކުންފުނީގެ ކުޑަޑައިގެ ދަށުގައިވާ ކުންފުންޏެކެވެ. މިފަދަ މަޝްރޫއެއްގެ މަސައްކަތް އެމް-20 ހޮސްޕިޓަލިޓީ ވެންޗާސް ޕްރައިވެޓް ލިމިޓެޑުން މީގެ ކުރިން ކޮށްފައިނުވާއިރު، އަލުން ބިޑުނުކޮށް، ލީސް ބަދަލުކުރާ އުސޫލުން މިވަރުގެ މަޝްރޫއެއް ބަޔަކާ ހަވާލުކުރުމަކީ ގިނަ ބައެއް ކަންބޮޑުވުން ހުރި ކަމެކެވެ. މިމަޝްރޫޢު ހަވާލުކުރިއިރު މިކުންފުނި ސިންގަަޕޫރުގައި ރަޖިސްޓަރީކުރިތާ މަސްދުވަސް ނުވާކަން ސިންގާޕޫރުގެ އެކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ފެންނަން އެބަ ހުއްޓެވެ.

މިމަޝްރޫއުގެ މައުލޫމާތާއި އަދާހަމަތައް ވާދޫ ކައުންސިލުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ މިންވަރަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް މިނޫހާ ވާހަކަދެއްކި ބައެއް އާންމުން ބުނެއެވެ.

މިކަމާ ގުޅިގެން ވާދޫ ކައުންސިލުން އެންމެ ފަހުން ބުނެފައިވަނީ ސިޓީ ހޮޓަލެއް ނަމަވެސް ތަރައްޤީކުރަނީ ކުޑަ ވަރެއްގެ ރިސޯޓެއް ކަމަށެވެ. އަމަލީ މަސައްކަތްކުރުމުގެ ކުރިން ކޮންސެޕްޓް ބިލްޑްކުރުމާއި ކުރެހުންތައް ނިންމުމާއި އިއައިއޭގެ މަސައްކަތަށް ވަގުތު ނެގީ ކަމަށް އެ ކައުންސިލުންވަނީ ބުނެފައެވެ.

ވާދޫގެ އުތުރު ފަރާތުން ދޫކޮށްފައިވާ ބިން ތަރައްގީކުރަނީ ހަތަރު ތަރީގެ ފެންވަރަށެވެ. އެތަނުގައި 25 ބީޗު ވިލާ އާއި 25 ގާޑަން ވިލާ ހެދުމަށް ވަނީ ނިންމައިފައެވެ.

ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލް އަޤުވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.