ރ. ވާދޫގައި ކުނިމެނޭޖުކޮށްދޭނެ ފަރާތެއް ހޯދަން މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.

ވާދޫ ކައުންސިލުން ކުރި އިޢުލާނުގައި ބުނީ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން، 2023 ނޮވެމްބަރ 14 ވަނަ ދުވަހުން ފެށިގެން 2023 ނޮވެމްބަރ 23 ވަނަ ދުވަހުގެ ނިޔަލަށް (ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް ނަންނޯޓު ކުރެއްވުމަށް އެދޭ ކަމަށެވެ. ނަންނޯޓުކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ހަވާލުކުރާނެ ކަމަށްވެސް އެ ކައުންސިލުންވަނީ އިޢުލާންގައި ބަޔާންކޮށްފައެވެ.

ވާދޫ ކައުންސިލުން ބުނީ، މިމަސައްކަތާ ގުޅިގެން ނަންނޯޓު ކުރައްވާ ފަރާތްތަކުން އިތުރަށް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2023 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގައި އެއިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށެވެ. އަދި 2023 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން އެދެއެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 2023 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:01 ގައި ވާދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައެވެ.

އިޢުލާންގައިވާ ގޮތުގައި، މިމަސައްކަތް ކުރުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ނަންނޯޓު ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކޮށްފައިވާ ފޯމުގައި ކަމަށާއި ފޯމު އޮންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށް ވާދޫ ކައުންސިލުން ވަނީ ބުނެފައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ، ނަންނޯޓުކުރައްވާފައިވާ ފަރާތުގެ ނަމުގައި ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.