ރ. މަޑުއްވަރީ ބަނދަރުގައި އަޅާފައިވާ ޑިންގީތަކާއި ލާންޗުތަކުގެ ވެރިންނަށް މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުން އިލްތިމާސެއްކޮށްފިއެވެ.

އެކައުންސިލުން ކުރި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ބުނީ، މަޑުއްވަރީގެ ދެކުނު ބަނދަރުގެ ދިގު ޖެޓީގައި އަޅާފައިވާ ފެރީ ދަތުރުކުރާ ލާންޗްފަހަރު ފިޔަވައި، އެންމެހާ ޑިންގީތަކާއި ލާންޗްތައް، ޑިންގީ ޖެޓީގައި އެޅުމަށް އެތަކެތީގެ ވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި މިކަމުގައި އޮޑިވެރިންގެ ފަރާތުން އެއްބާރުލުން ދެއްވުމަށްވެސް އެ ކައުންސިލުންވަނީ އެދިފައެވެ.

މި ޕޯސްޓާ ގުޅިގެން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މަޑުއްވަރީ ކައުންސިލްގެ ރައީސް މުޙައްމަދު ޞާދިގު ވިދާޅުވީ، އެގޮތަށް އިލްތިމާސްކުރީ ޑިންގީ ޖެޓީން ޖާގަ ގެއްލޭތީ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި މަޑުއްވަރީގައ ވަނީި އައު ބަނދަރެއް ހަދައި ހުޅުވާފައެވެ.

މަޑުއްވަރީ ބަނދަރުގެ ދަތިކަން ހައްލުކުރުމަށް، މަޑުއްވަރީގައި އާ ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2019ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެމަސައްކަތް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

މަޑުއްވަރިއަކީ އިންޑަސްޓްރިއަލް ފެންވަރުގައި ފައިބަރު މަސައްކަތްވެސް ކުރާ ރަށެކެވެ. މިއާއެކު ރަށުގައި ބޭނުންކުރާ އުޅަނދުތައް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މަޑުއްވަރީގެ އާ ބަނދަރު ހެދީ ރަށުގެ ދެކުނުކޮޅުގައެވެ.

މަޑުއްވަރީގައި މިހާރު އޮތް އައު ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. މި ޕްރޮޖެކްޓުގެ ދަށުން 7280 ކިއުބިކް މީޓަރ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 80400 ކިއުބިކް މީޓަރ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 65520 ކިއުބިކް މީޓަރ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްކޮށްފައި ވެއެވެ.

މީގެއިތުރުން ޕްރޮޖެކްޓްގައި 411 މީޓަރު ބޭރުތޮށިލުމާއި، 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން 2840 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމެންޓް ހެދުން ވެސް ހިމަނައި މަސައްކަތްވަނީ ނިންމާފައެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރި މި ބަނދަރުގައި ކޮޅުވެއްޓިއާއި ބާޖު ފަދަ އުޅަނދުތައް ކައިރިކުރުމަށް ރޭމްޕަކާއި 2825 އަކަމީޓަރުގެ ޕޭމަންޓް، އަދި ބަނދަރު ބައްތި ހިމެނެއެވެ.

2500 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ މަޑުއްވަރީގައި ކުރިއަށްގެންދިޔަ ބަނދަރު ޕްރޮޖެކްޓަކީ ސަރުކާރުން 72.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.