މިއަދު ނިޔާވި ރ. ވާދޫ، ވިންޑްސްޓަރ، މަރިޔަމް ސާނިޔާ (މަރީ)ގެ އާއިލާއަށް މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ތަޢުޒިޔާ ފޮނުވައިފިއެވެ.

އުމުރުން 35 އަހަރުގައި މަރީ ނިޔާވީ ނިއުމޯނިއާ ބައްޔަން ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް، މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާގެ ކަންކަން ކުރިއަށްގެންގޮސްފައިވަނީ މިރޭގެ ޢިޝާ ނަމާދަށްފަހު، ހުޅުމާލޭ ސަހަރާގައެވެ.

ވާދޫ ކައުންސިލުން ފޮނުވި ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ މިފުންހިތާމައިގައި އެ ކައުންސިލްގެ ކައުންސިލަރުންނާއި މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި އާއިލާއަށް ކެތްތެރިކަމާއި ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައިވެއެވެ.

މަރީ ނިޔާވިއިރު، ފިރިމީހާގެ އިތުރުން، ދުނިޔޭގައި އޭނާގެ ދަރިއަކު އެބަ ހުއްޓެވެ.

ނިމޯނިއާގެ އިތުރުން، އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް (އޭއާރްޑީއެސް) އަދި ސްކެމިކް މަޔޯކާޑިކަލް ބައްޔަށް ހުށަހެޅި ހާލު ދެރަވެގެން ފަރުވާދެމުން އައި މަރީ، 2023، ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުން ފެށިގެން ނޭވާލަމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ.

މަރީގެ މަރާ ގުޅިގެން އާއިލާއިން ތުހުމަތުކުރާ ކަންތައްތަކެއް އެބަ ހުއްޓެވެ. މިގޮތުން އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އާއިލާގެ ތުހުމަތުގެ އިނގިލިތައް އަމާޒުވެފައިވެއެވެ.

މިހާދިސާ ތަހުގީގުކޮށް އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންނަށް ފިޔަވަޅު އަޅައިދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އާއިލާގެ ބައެއް މެމްބަރުންވަނީ ސޯޝަލްމީޑިއާގައި ގޮވާލާފައެވެ.