ދިވެހިރާއްޖެ، ރަސްމީ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އަކީ ދެކުނު އޭޝިޔާގެ ހިންދު މާކަނޑުގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ޤައުމެކެވެ. ދިވެހިރާއްޖޭގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ، 298 ކިލޯމީޓަރެވެ. އެއީ، 115 ކިލޯމޭލެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައިވާ މިނިވަންވެފައި ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އެއް ޤައުމެވެ. އަދިހަމައެއާއެކު 427,756ގެ ކުޑަ އާބާދީ އަކާއެކީ ދިވެހިރާއްޖެއަކީ އޭޝިޔާގައިވާ އެންމެ ކުޑަ ޤައުމުވެސްމެއެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިން ރާއްޖެ ސިފަކުރަނީ ”ދުނިޔެމަތީގެ ސުވަރުގޭގެ“ ގޮތުގައެވެ. ރާއްޖޭގެ ހުދު ހިމުން ދޮންވެލި ތުނޑިތަކާއި މުރަކަ ބަގީޗާތަކާއި ސާފު މޫދަށް އެތައް ބައެއްގެ ހިތްވަނީ ލަންބުވާލާފައެވެ. 

ރާއްޖޭގެ ދޮރާށިން އެތެރެވާ ކޮންމެ ފަތުރުވެރިޔަކަށްވެސް ހިނިތުންވުމާއެކު ދިވެހިން އަދާކުރާ މެހެމާންދާރީއަކީ އެ ފަތުރުވެރިން ހިތުގައި މިތަނާމެދު އިތުރަށް ލޯތްބާއި ކުލުނު ޖައްސުވައިދޭ ކަމެކެވެ.

ރާއްޖޭގައި މަތީ ފަންތީގެ އެތައް ސަތޭކަ ރިސޯޓެއް މިއަދު އެބައޮތެވެ. އެކިއެކި ކަންކަމަށް ހާއްސަ ރިސޯޓުތައްވެސް މިއަދު ރާއްޖޭގައި އެބަ އޮތެވެ. ދުނިޔޭގެ ނަން މަޝްހޫރު އެތައް ބްރޭންޑެއް މިއަދު މިރާއްޖޭގައި އޮޕަރޭޓްކުރެއެވެ. ފަތުރުވެރިން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ރާއްޖޭގެ ރިސޯޓުތަކުގައި މިހާރު އެބަހުއްޓެވެ. ކުޅިވަރާއި މުނިފޫހިފިލުވާނޭ ވަސީލަތްތަކެވެ. ތަފާތު ކާނާގެ ބާވަތްތަކެވެ. މޫދު ކުޅިވަރެވެ. މިހެން ގޮސް މިލިސްޓު ވަރަށް ދިގުވެސް ކުރެވިދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިދުވަސްވަރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއާ އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީބް އިޝްތިހާރުކުރައްވައި ހިއްސާކުރެއްވި ފޮޓޯތަކަށް ދިވެހި ސަރުކާރުގެ މަތީފަޑީގައި ތިއްބެވި މަދު ބޭފުޅުންތަކެއް މަލާމާތްކޮށް ކުޑައިމީސް ބަސްތަކެއް ވިދާޅުވެގެން އުފެދުނު ނުތަނަވަސްކަމެކެވެ. އެކަމާހުރެ އެ ގައުމުގެ ފިލްމީތަރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ރާއްޖެ ”ބޮއިކޮޓް“ ކުރަން ކެމްޕެއިނެއް ފަށާފައެވެ.

ވެލާ ޕްރައިވެޓް އައިލެންޑްގެ މަންޒަރެއް

ރާއްޖޭގެ ފަތުރުވެރިކަމަކީ ހަމައެކަނި ވަކި ބަޔަކު ޕްރޮމޯޓްކޮށްގެން މިހާ ހިސާބަށް ގެނައި ސިނާއަތެއް ނޫނެވެ. މިއީ ވޭތުވެ ދިޔަ 50 އަހަރު ތެރޭ އެތައް ބައެއްގެ ބުރަ މިންނެތް މަސައްކަތުގެ ނަތީޖާއެވެ. ރާއްޖޭގެ ފަތުރުވެރިކަން ކިލަނބުކޮށްލަން މީގެ ކުރިންވެސް އެތައް ބަޔަކު އެތައް ގޮތަކުން މަސައްކަތްކޮށްފައި އެބަ ހުއްޓެވެ. ނަމަވެސް، ގައުމެއްގެ ބަޔަކު ރާވައިގެން ބޮޑު އެންޓި-ކެމްޕެއިނެއް މިގޮތަށް ޖެއްސި ކަމެއް އެނގޭކަށް ނެތެވެ. ޖައްސާފައި ހުރީ ސިޔާސީ ގޮތުން ފައިދާއެއް ހޯދަން ޖައްސާފައި ހުރި ކެމްޕެއިންތަކެކެވެ. އޭގެ އިތުރުން ދެން ހުރީ ބަޔަކު ކޮށްފައިވާ ގޯސްކަމެއްގެ ސަބަބުން ޖެހުނު ”ލައްގަނޑުތަކެވެ.“

އެހެން ނަމަވެސް، މިފަހަރު 50 އަހަރުން ހޯދި ރީތި ނަން ހަޑިކޮށްލުމުގައި ސަރުކާރުގެ ވަޒީރު ފެންވަރުގައި ތިބި ބޭފުޅުންތަކެއް ހިމެނުމަކީ ހިތާމަކުރަން ޖެހޭ ކަމެވެ. ބައެއްގެ ރޭވުންތެރި ކަމުގެ މަޅީގައި ނޭނގި ނަމަވެސް ބެދުނީއެވެ. ގުއިރޯނެއްގައި ޖެހުނީއެވެ. މިއާއެކު ވޭތުވެ ދިޔަ ދެތިން ދުވަހު ބަޔަކު މިވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ހަތުރުވެރި ގޮތަކަށް ދިމާކޮށްލާފައެވެ. އަދި އިޤްތިޞާދު ފުނޑާލުމަށް ރާވައިގެން ކެމްޕެއިންތަކެއް އެބަކުރެއެވެ.

މިކަން ކުރަނީ ރޭވިގެންނޭ ބުނަން ޖެހޭ ސަބަބަކީ، ސަރުކާރުގެ ތިން ނައިބު ވަޒީރެއް އެއްޗެކޭ ވިދާޅުވުމުގެ ކުރިންވެސް ކެމްޕެއިންނެއް ފެށިފައި އޮތުމެވެ. ނަމުގައި އަޅުވަނީ ތިމަންމެންގެ ވަޒަން ޕްރޮމޯޓް ކުރުމެވެ. އެކަމަކު ބޭނުން ކުރަނީ ބޮއިކޮޓް ކުރުމުގެ ހޭޝްޓެގްތަކެވެ.

ރާއްޖޭގެ ރިސޯޓެއް މަތިން ނަގާފައިވާ ފޮޓޯއެއް

ދިވެހި ފަތުރުވެރި ސިނާއަތާ ބަޔަކު ދިމާކޮށްލިއަސް ”ހަސަދަ ބޭލިޔަސް“ ފާއިތުވި ހަތަރު އަހަރު ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ ލަޤަބު ހޯދީ ކިހިނެތްކަން ދިވެހި އެބަދައްކައެވެ. ދިވެހިން މިސާލު ދައްކަނީ މަދު ބައެއްގެ އަމަލަކީ މުޅިރާއްޖެ ނޫން ކަމެވެ. ދިވެހިން އެކަތި ގަނޑެއް ގޮތުގައި ދައްކުވައިދެނީ ދިވެހިން ފަދަ ރީދި ގޮނޑުދޮށްތަކެއް މަދުން އޮތަސް، މި ބްރޭންޑް މާ ވަރުގަދަ ކަމެވެ.

މި ބްރޭންޑުން ދޭ ޚިދުމަތަކީ ދުނިޔޭގެ އެހެން ބަޔަކަށް އެއާ އެއްހަމަކޮށް ނުލެވޭނެ އެއްޗެއް ގޮތުގައެވެ. ގައިމުވެސް ދިވެހި ޤައުމު ޕްރޮމޯޓް ކުރަންތިބީ ދިވެހިން ނޫން ވަކި ކޮންބައެއް ހެއްޔެވެ. އަޅުގަނޑުމެން ރާއްޖެ ސޯޝަލްމީޑިއާގައި ފުރާލަން ޖެހެއެވެ. ބަޔަކަށް ރައްދު ދޭނެ ކަމެއް ނެތެވެ. ދިވެހިން ދައްކުވާދޭންވީ ދިވެހިން ދިވެހި ގައުމަކީ ވަކި ބައެއްގެ ދަށު ނުވާނެ ތަނެއް ކަމެވެ.