ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ވައިރަސް ފެތުރެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިދިޔަ ދެ ތިން ހަފުތާއިން ފެށިގެން ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި އެ ބަލީގައި ނިއުމޯނިއާ ޖެހިގެން ތިން މީހަކު ވެންޓިލޭޓަރުގައި އޮތްކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި ވަނީ ޒުވާނަކު ނިޔާވެސްވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ އެ ބަލީގެ އައުޓްބްރޭކެއް އަތުވެދާނެ ކަމަށް ނުބެލެވުނަސް ބަލީގައި ބޮޑުވަރު ވުމުން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ސީޒަނަލް ވެކްސިންތައް އާސަންދަ ސްކީމުގެ ދަށުން އާންމުންނަށް ލިބުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.