ރ. އަތޮޅުގެ ތަޢުލީމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުޙައްމަދު ޝުކުރީ މާލޭ ސިޓީގައި ހުރި އެންމެ މަގުބޫލު އެއް މަދަރުސާ ކަމަށްވާ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފިއެވެ.
އިސްކަންދަރު ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސަން ޖެހުނީ، އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހުސައިން ސައީދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޝުކުރީ އެމަގާމަށް ހަމަޖެއްސީ، ކުރިމަތިލެއްވި ފަސް މީހުންގެ ތެރެއިން އެ މަގާމަށް އެންމެ އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ހުރީ އޭނާގެ ކިބައިގައި ކަމަށްވާތީއެވެ.
އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޝުކުރީ ތަޢުލީމީ ދާއިރާއަށް ނުކުންނެވީ 1997 ވަނަ އަހަރުގެ ތެރޭގައި އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި ރ. މަޑުއްވަރީ ސްކޫލުންނެވެ.
އޭގެ ފަހުން ޕްރޮމޯޝަނަކާއެކު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު، މަތީ ތައުލީމު ހާސިލުކުރެއްވުމަށް 2002 ވަނަ އަހަރު އިންޑިޔާގެ މައިސޫރަށް ވަޑައިގެން ހެޑްމާސްޓަރ ކޯސް ފުރިހަމަކުރެއްވިއެވެ.
އެނބުރި ރާއްޖެ ވަޑައިގެން ޝުކުރީ ދެން މަސައްކަތްކުރެއްވީ އިހަވަންދޫ ސްކޫލްގައެވެ. އެއަށްފަހު ހދ. އަތޮޅު މަދަރުސާގައެވެ.
އޭގެ ފަހުން، އަނެއްކާވެސް ތައުލީމު ހާސިލުކުރައްވައި، ފުރަތަމަ ޑިގްރީ ނެންގެވިއެވެ.
ފުރަތަމަ ޑިގްރީއަށްފަހު ށ. މަރޮށީގައި ހުންނަ މަދަރަސަތުލް މުނައްވަރާގެ އިތުރުން ރ. ހުޅުދުއްފާރު ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.
ދެން ވަޑައިގެންނެވީ މާސްޓަރސް ޑިގްރީ ނެންގެވުމަށް މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީއަށެވެ. އެ ޔުނިވާސިޓީން މާސްޓަަރސް ނެންގެވުމަށްފަހު، އެނބުރި ރާއްޖެވަޑައިގެން ދެންވެސް މަސައްކަތްކުރެއްވީ ރ. އަތޮޅުގެ ސްކޫލެއްގައެވެ. މިގޮތުން، ރ. އަލިފުށީ ސްކޫލާއި ރ. މަޑުއްވަރީ ސްކޫލުގެ އިތުރުން ރ. ދުވާފަރު ޕްރައިމަރީ ސްކޫލުގައި ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތްކުރެއްވިއެވެ. ޝުކުރީ ވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައިވެސް ޚިދުމަތްކުރައްވާފައެވެ.
ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގައި މިހާތަނަށް އޭނާ ހޭދަކުރެއްވި 27 އަހަރުގައި ގިނައިން މަސައްކަތްކުރެއްވީ މާޅޮސްމަޑުލުއުތުރުބުރީގެ ރަށްރަށުގެ މަދަރުސާތަކުގައެވެ.