ޤުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރި އަލް ހާފިޒް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރުއަށް އޭނާގެ އުފަން ރަށް ރ. ފައިނުން ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.


ހާފިޒުކަމުގެ ސަނަދާއެކު ރަށަށް ރީތި ނަން ހޯދައިދީފައިވާތީ ހާފިޒް މުޙައްމަދު ޔޫނުސް މިއަދު ފައިނަށް ދިޔުމުން އޭނާއަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އެ ރަށުގެ ރައްޔިތުން ނުކުމެފައި ވެއެވެ. ރަށަށް ފޭބުމުން އޭނާގެ ބޮލުގައި ތާޖެއް އަޅުވައި ހާއްސަ ބޮކޭއެއް ހަދިޔާއަކަށް ވަނީ ދީފައެވެ.


ކީރިތި ޤުރުއާން

ކީރިތި ޤުރުއާނަކީ ޖިބްރީލްގެފާނު މެދުވެރިކޮށް، މުޙައްމަދުގެފާނަށް މާތްﷲ ބާއްވައިލެއްވި ފޮތެވެ. ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި، އަބަދަށް ދެމިއޮންނިވި، ތެދުމަގު ދައްކައިދޭ މިފޮތް ބާވައިލައްވާފައިވަނީ 23 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.
އެންމެފުރަތަމަ ސުރަތުލް ޢަލަޤް ބާއްވައިލެއްވުނު ކީރިތި ޤުރުއާން ރަސޫލާއަށް ވަޙީ ބާއްވައިލެވުމުން ރަސޫލާގެންދެވީ، އަޞްޙާބު ބޭކަލުންނަށް އެ ދަސްކޮށްދެއްވަމުންނެވެ. ގިނަ ސަޙާބީން ވަނީ ވަގުތުން ވަގުތަށް ޤުރުއާން ހިތުދަސް ކުރައްވާފައެވެ. ކީރިތި ޤުރުއާންގައި އެކުލެވިގެންވަނީ މުޅިއެކު 114 ސޫރަތެވެ. އެކިސޫރަތްތަކުގެ ދިގުމިންއެކިމިނެވެ. ކައުޘަރު ސޫރަތުގައި 3 އާޔަތް ހިމެނޭއިރު ބަޤަރާ ސޫރަތުގައި 286 އާޔަތް ހިމެނެއެވެ. ޤުރުއާން ބާއްވައިލެއްވުނުއިރު ސޫރަތްތައް ބާއްވައިލެއްވުނީ، މިހާރު އަޅުގަނޑުމެންނަށް މިފެންނަން ހުރިގޮތަކަށް ނޫނެވެ. ބާއްވައިލެއްވުނީ އެކި ސޫރަތްތަށް އެކި ވަގުތު، އެއްސޫރަތެއްގެ އާޔަތްތައްވެސް އެކިފަހަރު ފަހަރުއެވެ. ނަމަވެސް ފަހުން ކީރިތި ރަސޫލާ، ﷲގެ އަމުރުފުޅާއި އެއްގޮތަށް، އާޔަތްތަކާއި ސޫރަތްތައް ތަރުތީބު ކުރެއްވީއެވެ.

އަބޫބަކުރުގެ ފާނުގެ ޚިލާފަތުގައި މުރުތައްދުވި މީހުންނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި 450 އާއި ގާތްކުރާ އަދަދަކަށް، ޤުރުއާން ހިތުދަސް ބޭކަލުން ޝަހީދުވެގެން ދިޔައެވެ. މިހިސާބުން ޢުމަރުގެފާނު ޤުރުއާން އެއްފޮތެއްގައި ލިޔެ ރައްކާ ކުރުމުގެ ޚިޔާލު، އަބޫބަކުރުގެފާނަށް ދެއްވިއެވެ.  ޤުރުއާން ރައްކާތެރިކުރުމުގެ ގޮތުން އަބޫބަކުރުގެފާނު ޒައިދުބިން ޘާބިތު ގެންނަވައި، ޤުރުއާން އެއްފޮތެއްގައި ޖަމަޢު ކުރައްވަން އެންގެވިއެވެ. އެތައް ސަތޭކަ، ޤުރުއާން ހިތުދަސްބޭކަލުންގެ އެހީއާއި އެކު، އެއްވެސް ކުށެއް ނޯނާނެފަދައަކުން، ޒައިދުބިން ޘާބިތު މި ބުރަ މަސްއޫލިއްޔަތު ފުރިހަމަ ކުރެއްވިއެވެ. ޤުރުއާން މުޞްޙަފެއްގެ ގޮތުގައި ލިޔެވި އަބޫބަކުރު އަވަހާރަވަންދެން އަބޫބަކުރު އަތްޕުޅުގައި، މި މުޞްޙަފު އޮތެވެ. އެއަށްފަހު ދެވަނަ ޚަލީފާ ޢުމަރުގެ އަތްޕުޅުގައެވެ. ތިންވަނަ ޚަލީފާ ޢުޘްމާން ބިން ޢައްފާނުގެ ދުވަސްވަރު ، މީހުން ޤުރުއާން ކިޔެވުމުގައި، ތަފާތު ކުށްތައް ކިޔައި، އެކި މީހުން އެކި ގޮތަށް ކިޔަވަން ފެށުމުން ، ޢުޘްމާންގެފާނު، އުއްމުލްމުއުމިނީން ޙާފްޞާ ބިންތު ޢުމަރު (އުމަރުގެފާނުގެ ދަރިކަބަލުން)އަތްޕުޅުގައި އޮތް، ޤުރުއާނުގެ މުޞްޙަފު ގެނުއްވައި، އެއިން ހަތަރު ކޮޕީ ހައްދަވައި އެއްކޮޕީ އަތްޕުޅުގައި ބޭއްވުމަށްފަހު އަނެއް ތިން ކޮޕީ، ކޫފާ، ބަޞަރާ އަދި ޝާމުކަރައަށް (ދިމިޝްގު) ފޮނުއްވިއެވެ. އަދި ޙަފްޞާ ގެ އަތްޕުޅުން ގެނައި ކޮޕީ އަބުރަ ދެއްވިއެވެ.

ޤުރުއާން ބާއްވައިލެއްވުނުތޭ 1400 އަހަރަށްވުރެ ގިނަ ދުވަސްވީއިރުވެސް އެއްވެސް އުނިއިތުރެއް ، ބަދަލެއް ގެނެވިފެއެއްނުވެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވަނީ:

إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ

މާނައަކީ: ”ހަމަކަށަވަރުން ޤުރުއާން ބާއްވައިލެއްވީ ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”