އަތޮޅުތެރޭގެ ފަސް ރަށެއްގައި ބްލަޑް ބެންކުތައް ޤާއުމުކުރާން ނިންމާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކުގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށާއި އަތޮޅުތެރޭ 5 ރަށެއްގައި ބްލަޑް ބެންުކުތައް ޤާއުމުކުރެވިގެންދާނެ ކަމަށެވެ.

”ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފައިކޮށްދިނުމުގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯ ފާމަސީ މެދުވެރިކޮށް ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް އާސަންދަ ސްކީމުގެ ދަށުން ފަސޭހައިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައި. ގްރޭޑް 10 ނިމުމުގެ ކުރިން ދަރިވަރުންނަށް ފަސޭހައިން ތެލެސީމިއާއަށް ޓެސްޓްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެއްސިފައި. އަދި މާލެ ސަރަހައްދުގެ އިތުރުން، އަތޮޅު ތެރޭގެ 5 ސަރަހައްދެއްގައި ބްލަޑް ބޭންކުތައް ޤާއިމުކުރުމަށް ވަނީ ކަނޑައެޅިފައި.“ ރައީސް ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން ބޯން މެރޯ ހެދޭނެ ގޮތް މި ސަރުކާރުން ވަނީ މިހާރު ހަމަޖައްސާފައެވެ. ސަރުކާރުގެ ފުރަތަމަ 9 ހަފުތާގެ ތެރޭގައި، ”އައިވީއެފް ޓްރީޓްމަންޓް“ ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތަކަށް އަދި އަންހެނުންނަށް ދިމާވާ ޞިއްޙީ ބައެއް ޚާއްޞަ ޙާލަތްތަކާ ގުޅޭ ފަރުވާތަކަށްވެސް އާސަންދަ ހަމަޖައްސައިދިނުމުގެ ،މަަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާއިރު، ކޮންމެ ރަށެއްގައިވެސް އެ ރަށަކާ އެކަށޭނަ ލެބޯޓްރީއެއް ޤާއިމުކޮށް ރާއްޖޭގެ އެކި ސަރަޙައްދުގައި ޓާޝަރީ ހޮސްޕިޓަލް ބިނާކުރުމަށް ސަރުކާރުން މިއަހަރު ފަށާ މަޝްރޫޢު ފުރިހަމަވުމުން މާލެ ނައިސް ރަށާ ކައިރިން ޞިއްޙީ ފަރުވާ ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

”ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް ލ. އަތޮޅުގައި ތަރައްޤީ ކުރެވިގެންދާނެ. އަދި ކެންސަރަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލަކާ، ތެލަސީމިއާ ކުދީންނަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލަކާ، އަންހެނުންނާ ކުޑަކުދީންނަށް ފަރުވާދޭ ޚާއްޞަ ހަސްފަތާލެއް މި ދައުރުގައި މާލެ ސިޓީގައި އިރާދަކުރެއްވިއްޔާ ބިނާކުރާނަން. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުރިހަމަކުރަން ޒަމާނީ އިތުރު ބިނާއެއްކޮށް، ވިލިމާލޭގައިވެސް 100 އެނދުގެ ޓާޝަރީ ހަސްފަތާލެއް އިރާދަކުރެއްވިއްޔާ އަޅާނަން. އައްޑޫ ހިތަދޫގައި ހުރި ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ހުރި ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، މާލެ ނައިސް މައިގަނޑު ހުރިހާ ފަރުވާއެއް ލިބޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.

އެގޮތުން އަތޮޅުތެރޭގެ އިތުރުން މާލޭގައި ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށް ބޭސް ފަރުވާއަށް މާލެ ނައިސް އެރަށަކުން އެފަރުވާ ލިބޭނެ ގޮތް ހަދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަންކަން ފުރިހަމަވާއިރު، ރާއްޖެއިން ބޭރަށް ނުގޮސް ގިނަ ޞިއްޙީ ފަރުވާތައް ހޯދޭނެ ކަމަށާއި ފަރުވާ ހޯދުމަށް ހަސްފަތާލުތަކުގައި ކިޔޫގައި ގިނަދުވަހު އިންތިޒާރުކުރަން ނުޖެހި އަވަސް ޚިދުމަތް ލިބެން ފަށާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކުއްލި ފަރުވާއަށް ބޭނުންވާ ޙާލަތުގައި ދުރު ދަތުރުތައް ކުރުމަށް އެއާއެމްބިއުލާންސްގެ ޚިދުމަތް އަންނަ މާރޗްމަހު ރާއްޖޭގައި ދޭން ފެށުމުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވަމުން ރައީިސް ވިދާޅުވީ އޭރުން ރާއްޖެއާ ރާއްޖެއިން ބޭރަށްވެސް އެއާއެމްބިއުލާންސްގައި ބަލިމީހުން އުފުލުމުގެ އަމިއްލަ ޤާބިލްކަން ދިވެހިންގެ ހުންނާނެ ކަމަށެވެ.