ރ. އަތޮޅުން ފައިލޭރިއާގެ ކޭސްތަކެއް ފެނިއްޖެއެވެ. ފައިލޭރިއާގެ ކޭސްތަކެއް ފެނުނީ ރ. ފައިނުންނެވެ.
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރިއިރު، އެ ބައްޔަށް ޕޮސިޓްވެފައިވާ ތިން މީހަކު ފެނިފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ރަށު ކައުންސިލާއި ސިއްހީ މަރުކަޒު ގުޅިގެން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ފައިނުން ފައިލޭރިއާ އަށް ޕޮސިޓްވެފައިވަނީ ތިން މީހުންނެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ފައިލޭރިޔާގެ ވޭދަނަތަކެއް ޑިސެމްބަރު މަހު ހދ. ކުޅުދުއްފުށިން ވަނީ ފެނިފައެވެ. އެ ސިޓީން 25 މީހަކު ބައްޔަށް ފައްސިވިއެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ފައިލޭރިޔާ ޖެހިފައި ތިބި ބަޔަކު ފެނުނެވެ. އެއީ ވެސް މުޅިން ބިދޭސީންނެވެ.
ފައިލޭރިޔާ ނުވަތަ ފައިފަލަ ބަލި(Filariasis / Elephantiasis/Wucheriasis) އަކީ މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ އެންމެ އާންމުކޮށް ފެންނަނީ އޭޝިއާ، އެފްރިކާ އަދި ދެކުނު އެމެރިކާގެ ހޫނުގައުމުތަކުގައި އުޅޭމީހުންގެ ފުށުންނެވެ.
ފައިލޭރިޔާ ޖެހެނީ“ވޫކެރީރިއާ ބެންކްރޮފްޓީ (Wuchereria bancrofti) ކިޔާ ފަންޏެއްގެ ސަބަބުންނެވެ. ފައިލޭރިއާ ފެތުރެނީ މިބުނި ފަނީގެ “އިންފެކްޓިވް ލާރވާ“(Infective Larvae) އުފުލާ ކިއުލެކްސް(Culex)، މަދިރީގެ ”ކިއުލެކްސް ޕައިޕިއެންސް“(Culex pipiens) ކިޔާ ބާވަތެއްގެ މަދިރިއެއް އިންސާނެއްގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި ކުރިން ބުނި “އިންފެކްޓިވް ލާރވާ“ އެމީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ.
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ފައިލޭރިޔާ ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 12-8 މަހާ ދެމެދުގެ މުއްދަތެއް ނަގައެވެ.
