ރާއްޖޭގައި ސިލްސިލާކޮށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ”ގޯލްޑަން ފުޓްސަލް ޗެލެންޖު“ގެ މިއަހަރުގެ މުބާރާތުގެ ޒޯން-2ގެ ފައިނަލުގައި ނ. ކެނދިކުޅުދޫ ބަލިކޮށް ރ. ދުވާފަރުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ވާދަޗެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ދުވާފަރުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންއެވެ.

މިމުބާރާތުގެ ޒޯން ބުރުގެ ފައިނަލުން ކެނދިކުޅުދޫ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ދުވާފަރު ފައިނަލުން ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން ލިބުނު 7 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ހުޅުމާލޭ ރެހެނދި ޓާފް ދަނޑުުތަކުގެ 2 ނަމްބަރު ދަނޑުގައި، ކުޅުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދުވާފަރުން ލީޑު ނެގިއެވެ. ދެޓީމުގެ ފަރާތުންވެސް މިހާފުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އިސްމާއިލް އީސާގެ ލަނޑަކުން ދުވާފަރުން ނެގި ލީޑު ހާފު ނިމެންދެން ހިފަހައްޓާލިއެވެ.

ފުރަތަމަ ހާފު ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދުވާފަރުން ކުޅުނީ ވަރުފަދަ އެޓޭކިން ގޭމެކެވެ. ކުދި ޕާސްކޮށްގެން ކުޅުނު އެޓޭކިން ގޭމުން އުފެއްދި ބާރުގަދަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ދުވާފަރުން ޖެހި ދެވަނަ ލަނޑަކީ އާދަމް އިލްޔަސައުގެ ހިތްގައިމު ލަނޑެކެވެ.

އެ ލަނޑާއެކު މާޔޫސްކަން ގެނުވި ނަމަވެސް ވިދިގެން އައި މިނިޓުގައި ކެނދިކުޅުދޫއިން ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ މުހައްމަދު އައްޒާމްއެވެ.

ފަރަގު ކުޑަކޮށްފައި ވަނިކޮށް މިމެޗުގައި ދުވާފަރުން ކާމިޔާބުކުރި ތިންވަނަ ލަނޑު 35 ވަނަ މިނެޓުގައި އިސްމާއިލް އީސާ ޖެހިއެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު އިޝާމްއެވެ.

މެޗުގެ ކުޅުން ނިމުނީ 4-1 ގެ ނަތީޖާއަކުން ދުވާފަރު މޮޅުވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ އިސްމާއިލް އީސާއެވެ.