ޤައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް ވަރަށް މުހިންމެވެ. އަދި ރެއާދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖްތަމަޢު ހޭލުންތެރިކުރުވުމާއި، ސަރުކާރާ ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައިވެސް ނޫސްވެރީންގެ ދައުރު އަދާކުރުން ބޭނުންތެރިއެވެ. މިއަދު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަމުންދާއިރު، ރ. ވާދޫ ލައިވްއިން މިހުށަހަޅައިދެނީ ދިވެހި ނޫސްވެރިކަމުގެ ފަޒާއިން ވިދާލި އަދި ވިދަމުންދާ ރ. އަތޮޅަށް ނިސްބަތްވާ ބައެއް ނޫސްވެރިންނެވެ. ”Once a Journalist, Always a Journalist“ މާނައީ: އިރެއްގައި ނޫސްވެރިއެއް ނަމަ އަބަދުވެސް ވާނީ ނޫސްވެރިއަކަށެވެ.

ޝިފްނާ އަޙުމަދު

ޝިފްނާ އަޙުމަދު (ޝިފޫ) އަކީ ރ. ވާދޫއަށް ނިސްބަތްވާ ފުރަތަމަ އެކްރެޑިޓެޑް އަންހެން ނޫސްވެރިޔާއެވެ. މިހާރު ދައުލަތުގެ މީޑިއާގައި މަސައްކަތްކުރަމުންދާ ޝިފޫއަކީ ނޫސްވެރިކަމުގެ ދާއިރާއަަށް ނުކުންނަން ބޭނުންވާ ކަނބަލުންނަށް ހުރި ނަމޫނާއެެކެވެ. ޕީއެސްއެމް ނިއުސްގެ ޚަބަރު ގަޑިތަކުގައި ޚަބަރުކިޔުމުގެ އިތުރުން ޝިފޫ ފާހަގަކުރެވެނީ މޮޅު ހުށަހެޅުންތެރިއެއްގެ ގޮތުގައެވެ. މިގޮތުން އިވެންޓްތަކުގައި އޮންލޮކޭޝަން ރިޕޯޓިންގެ އިތުރުން އޮންކެމްތަކުންވެސް އޭނާ ފެނިގެންދެއެވެ.

ޝިފްނާ ޢަހުމަދު

ޒިދާން މުޙައްމަދު

ޒިދާން މުޙައްމަދު (ޒިދާން)އަކީ ރ. ވާދޫ ލައިވްގެ ބާނީއެވެ. ރ. ވާދޫއަށް ނިސްބަތްވާ ޒިދާން މިދާއިރާގައި ހަރަކާތްތެރިވަމުންދާއިރު އޭނާ ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ ނޫސްވެރިކަމުގެ ދޮރު އެމީހަކަށް ބަންދުވާ ސަބަބެއް ނޫންކަން ސާބިތުކޮށްދީ ދިވެހި ނޫސްވެރިކަމުގެ ތާރީޚު ބަދަލުކޮށްލާފައެވެ. ދުވަސް ނޫހުން އޮންލައިން ނޫސްވެރިއެއްގެ ގޮތުގައި މިދާއިރާގައި ފިރުކެން ފެށި ޒިދާންއަކީ މިއަދު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓީވީ ޗެނަލް ”އަސްލު ޓީވީ“ގެ ސީނިއަރ ވީޑިއޯ ޖާނަލިސްޓެކެވެ. ލައިވް ޕްެރޮގުރާމްތައް ހުށަހަޅައިދިނުމާއި ޓީވީއަށް ޚަބަރު ތައްޔާރުކުރުމާއި އިވެންޓަކުގެ ކަވަރޭޖް ގެނެސްދިނުމަށް އޮން ލޮކޭޝަނުން ރިޕޯޓުކުރާތީ އޭނާ ފާހަގަކޮށްލެވެއެވެ. ބްރޯޑްކާސްޓިން ދާއިރާއަށް އޭނާ ނުކުތީ ސަންގު ޓީވީންނެވެ. އެއަށްފަހު ވީޓީވީގައިވެސް މަސައްކަތްކުރިއެވެ.

ޒިދާން މުޙައްމަދު

މުޙައްމަދު ނަސީމް

ރ. ހުޅުދުއްފާރަށް ނިސްބަތްވާ މުޙައްމަދު ނަސީމް (ނަސީމް)އަކީ މިއަދު ރާއްޖޭން ފާހަގަކޮށްލެވޭ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ނޫސްވެރިއެކެވެ. އޭނާ މިދާއިރާއަށް ނުކުތީ ޖޫން 2006ގައެވެ. އޭނާ ވަނީ ޖަޒީރާ ޑެއިލީ (ކުރީގެ ނޫހެއް)، ސަންއޮންލައިން، މިހާރު، އަވަސް، ސަންގުޓީވީގައި ގިނަ ޚިދުމަތްތަކެއްކޮށްދީފައެވެ. މިވަގުތު މަސައްކަތްކުރަމުންދަނީ އަދަދު ނޫހުގައެވެ. ނަސީމް ބުނާ ގޮތުގައި، ނޫސްވެރިންނަކީ ވެސް ރައްޔިތުންގެ މަންދޫބުންނެވެ. އެހެންވީމާ އިސްކުރަންވީ ރައްޔިތުންގެ މަސްލަޙަތެވެ. ސިޔާސީ މީސްމީހުންނާޢީ ޕާޓީތަކެއް ނޫނެވެ.

މުޙައްމަދު ނަސީމް

މުޙައްމަދު ސަމާހް

ރ. އަލިފުށްޓަށް ނިސްބަތްވާ މުޙައްމަދު ސަމާހް (ސަމާހް) އަކީ ވީޑިއޯ ޖާނަލިޒްމްއާއި ޓީވީ ޕްރެޒިންޓިންގެ އިތުރުން ލިޔުންތެރިކަމުގައިވެސް ފާހަގަކޮށްލެވުނު ނޫސްވެރިއެކެވެ. ނޫސްވެރިކަމަށްވުރެ ބޮޑަށް ސަމާހް މިހާރު ފާހަގަކުރެވެނީ ނޫސް ހިންގުމުގައި ހަރަކާތްތެރިވާކަމެވެ. ރާއްޖޭގެ މެއިންސްޓްރީމް ޓީވީ ޗެނަލްތަކުގެ ތެރެއިން ”ޗެނަލް 13″ގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ)ގެ މަގާމު އޭނާ ވަނީ ފުރާފައެވެ. ރާއްޖެ ސިޔާސީ ގޮތުން އެންމެ ހަލަބޮލި ދުވަސްވަރުވެސް އޭނާ ވަނީ ކެރުންތެރިކަމާއި ފަންނުވެރިކަން ދައްކާލާފައެވެ. ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރީތީ ފުލުހުންގެ ބަންދަށްވެސް އޭނާއަށް ދާންޖެހުނެވެ.

މުޙައްމަދު ސަމާހް

ޙުސައިން ނާޞިފް

ޙުސައިން ނާޞިފް (ނާޞިފް)އަކީވެސް ރ. އަތޮޅުން ވިދާލި ނޫސްވެރިއެކެވެ. ޚަބަރުލިޔުމާއި ޚަބަރުކިޔުމާއި ޓީވީ ޕްރޮގުރާމް ހުށަހެޅުމަށް ކުޅަދާނަ ނާޞިފް ނިސްބަތްވަނީ ރ. މާކުރަތަށެވެ. ނޫސްވެރިކަމާއި ދުރުގައި މިވަގުތު ހުރި ރ. އަތޮަޅު ކައުންސިލުގެ ރައީސް ނާޞިފަކީ ރަސްމީ ހައިސިއްޔަތުން މިއަދުވެސް ނޫސްވެރިންނާ ގާތް ގުޅުމެއް ބާއްވާ، ދާއިރާ ދެކެ ލޯބިވާ ދަރިއެކެވެ. އޭނާވަނީ ވީޓީވީ، ދިޓީވީ، ޗެނަލް 13 އަދި ޕީއެސްއެމްގައިވެސް މަސައްކަތްކޮށްފައެވެ. އޭނާ ދެކޭ ގޮތުގައި މޮޅު ނޫސްވެރިޔަކަށް ވެވޭނީ ވަރަށް ހިތްވަރު ހުރެގެން ބުރަކޮށް މަސައްކަތް ކޮށްގެންނެވެ. ޚަބަރާއި ރިޕޯޓްތައް ގެނެސްދިނުމުގައި ވަކި ކޮޅަކަށް ބުރަނުވެ ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަން އިސްކޮށް އިންސާފުވެރިކަން އިސްކުރާނަމަ އާންމުންގެ އިތުބާރު ބޮޑުވާނެއެވެ.

ޙުސައިން ނާޞިފް

މުޙައްމަދު ޞާދިޤް

ރ. މަޑުއްވަރީއަށް ނިސްބަތްވާ މުޙައްމަދު ޞާދިޤް (ޗޯޓު) އަކީ މިވަގުތު ރ. މަޑުއްވަރީ ކައުންސިލްގެ ރައީސްއެވެ. އޭނާ ވަނީ ރ. އަތޮޅު ފަޚުވެރިވާނެ ފަދަ ގިނަ މަސައްކަތްތަކެއް މިދާއިރާގައިކޮށްފައެވެ. ބޮޑަށް ފާހަގަކުރެވުނީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައެވެ. ދައުލަތުގެ މީޑިއާގައި 13 އަހަރު މަސައްކަތްކުރިއެވެ. މިހާރު އެއްވެސް މީޑިއާއެއްގައި މަސައްކަތް ނުކުރި ނަމަވެސް އޭނާއަކީ މީދޫޓައިމްސް، ފައިނު އޮންލައިން އަދި މަޑުއްވަރި އޮންލައިންގެ ޒިންމާދާރުވެރި އެޑިޓަރއެވެ. ޞާދިޤްގެ ނަޒަރުގައި، ނޫސްވެރިކަންކުރަން ބޭނުންވާ ނަމަ، އެކަން ކުރަންވީ ޝައުގުވެރިކަން ހުރި ނަމައެވެ. 24 ގަޑިއިރުގެ ޒިންމާއެއްކަން ދަނެގެންނެވެ.
އިންސާފާއި ހަމަހަކަމަށް ލޯބިކޮށް ރައްޔިތުންގެ ލޯބި ހޯދަން މަސައްކަތްކުރުމަށް އޭނާ ނަޞޭހަތްތެރިވެއެވެ.

މުޙައްމަދު ޞާދިޤް

ޢާއިޝަތު ނުހާ

ރ، މާކުރަަތަށް ނިސްބަތްވާ ޢާއިޝަތު ނުހާ (ނުހާ) ނޫސްވެރިކަމަށް ނުކުތީ 2021 ވަނަ އަހަރުއެވެ. އޭނާ ފާހަގަކޮށްލެވެނީ އޮންލައިންކޮށް ޚަބަރު ފެތުރުމުގައި މަސައްކަތްކުރާ ހީވާގި ޒުވާނެއްގެ ގޮތުގައެވެ. ނުހާ މި ދާއިރާއަށް ފުރަތަމަ ފިޔަވަޅެއް އެޅީ ދަ ޕްރެސްއިންނެވެ. އަދިވެސް އޭނާ މި ދާއިރާގައި ކުރިއަށް ހިނގަމުން އެދަނީ ހަމަ އެ ނޫހުންނެވެ. ޚަބަރުގެ އިތުރުން ތަފާތު އެކިއެކި މައުޟޫތަކަށް ރިޕޯޓުތައް ލިޔެ، ކިޔުންތެރިންގެ އިތުބާރާއި ލޯބި އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައެވެ. ނުހާ ބުނާ ގޮތުގައި، މި ދާއިރާގައި ކުރިއަށް ދެވޭނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީ ޝައުގު ހިފަހައްޓައިގެން މަސައްކަތްކޮށްފި ނަމައެވެ. ނޫސްވެރިކަމުގެ އިތުރުން ފޮޓޯގްރަފީގެ ދާއިރާއަކީވެސް އޭނާ ޝައުގުވެރިކަން ހުންނަ ދާއިރާއެކެވެ. ފޮޓޯނެގުމަކީ ނޫސްވެރިކަމުގެ އިތުރުން އޭނާ ކުރަމުން އަންނަ ކަމެކެވެ.

ޢާއިޝަތު ނުހާ

މަރިޔަމް ލީން

މަރިޔަމް ލީން (ލީން) އަކީ ބްރޯޑްކާސްޓިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ވީޑިއޯ ޖާނަލިސްޓެކެވެ. ރ. ރަސްގެތީމަށް ނިސްބަތްވާ ލީން ފާހަގަކުރެވެނީ ޚަބަރުކިޔުމާއި ޚަބަރުލިޔުމުގެ އިތުރުން ޓީވީ ޕްރެޒެންޓިންނާއި ރިޕޯޓިންގެ ތެރެއިންނެވެ. ނޫސްވެރިކަމަށް ނުކުތީ 2019 ވަނަ އަހަރު ވީމީޑިއާއިންނެވެ. ޖަޒީރާ އޮންލައިންގައިވެސް މަސައްކަތްކުރި ލީން މިހާރު ހުރީ ވީމީޑިއާގެ ޑެޕިއުޓީ އެޑިޓަރެއްގެ މަގާމުގައެވެ. ލީން ދެކެނީ، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް އަންގައިދޭންޖެހޭ ކަންކަން އެންގުމުގައި، އަދި ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ކުރަމުންދާ މަސައްކަތަކީ ގައުމީ މަސައްކަތަކެއްގެ ގޮތުގައެވެ. ނޫސްވެރިޔާ ކުރާ ކޮންމެ އިންޓަވިއުއަކީ އަދި ލިޔާ ކޮންމެ ލިޔުމަކީ ޙަޤީޤަތް ހާމަކުރުމަށް ކުރާ މަސައްކަތުގެ ހެއްކެކެވެ.

މަރިޔަމް ލީން

އާމިނަތު ވިރުޝާ

ރ. ރަސްގެތީމަށް އުފަން އާމިނަތު ވިރުޝާ (ވިރޫ)އަކީ ވީޑިއޯ ޖާނަލިސްޓެކެވެ. އޭނާ ނޫސްވެރިކަމުގެ ތެރެއަށް ނުކުތީ 28 ޖުލައި 2023ގައެވެ. ސަންގުޓީވީން މިމަސައްކަތަކަށް ނުކުތް ވިރޫ މިހާރުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓިންގ މީޑިއާ އިންޑަސްޓްރީގެ އެންމެ އުހުގައި ވިދަމުންދާ އެއް ޓީވީ ޗެނަލް ސަންގު ޓީވީގައެވެ. އޭނާ ދެކޭ ގޮތުގައި، ނޫސްވެރިކަމުގައި އެންމެ މުހިންމު އެކައްޗަކީ ތެދެވެ. މިދާއިރާގައި ކުރި އެރުން ލިބޭނީވެސް ތެދުވެރި ކަމާއެކު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދީގެން ކަން އޭނާ ގަބޫލުކުރެއެވެ.

އާމިނަތު ވިރުޝާ

އާސިމާ ނިޒާރު

ރ. މީދޫ އެ ދަރިއަކަށްޓަކައި ފަޚުރުވެރިވާ އާސިމާ ނިޒާރު (އާސި) ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ ’ހަވީރު‘ ނޫހުންނެވެ. މިއަދު އޭނާއަކީ ރާއްޖޭގެ އެންމެ މަގުބޫލް އެއް އޮންލައިން ނޫސް ’މިހާރު’ގެ ސަބް އެޑިޓަރެވެ. އޭނާ މިދާއިރާއަށް ނުކުތީ 7 ޑިސެމްބަރު 2014ގައެވެ. މިހާރު އޭނާ ބޮޑަށް ފާހަގަކުރެވެނީ ތައުލީމީ އަދި އިޖުތިމާއީ ދާއިރާގެ ޚަބަރުތަކާއި މުހިންމު ރިޕޯޓުތައް ކިޔުންތެރިންނަށް ފޯރުކޮށްދޭ ނޫސްވެރިއެއްގެ ގޮތުގައެވެ. ސިޔާސީ ދާއިރާގެ ޚަބަރުތައްވެސް އޭނާ ލިޔެއެވެ. އާސި މިއަދު ބުނި ގޮތުގައި، މިއަދު އޭނާ އެންމެ ބޭނުމީ މިނިވަންކަމާއެކު ނޫސްވެރިކަން ކުރަން މިއަށްވުރެ ފަހި މާހައުލެކެވެ. އާސިއަކީ ހަވީރު ނޫސް ހުއްޓާލަން ޖެހުމުން ރާއްޖޭގެ ނޫސްވެރިން ރައީސް އޮފީސް ކުރިމަތީގައި ކުރި މުޒާހަރާގައި ބައިވެރިވެ މިނިވަން ނޫސްވެރިކަމަށް ގޮވާލައި އަޑު އުފުލި ހިތްވަރުގަދަ ޒުވާނެކެވެ. އެއާ އެކު، ފުލުހުން އެހެން ބައެއް ނޫސްވެރިންނާ އެކު އޭނާ ހައްޔަރުކޮށް މާލޭ ޖަލުގައި ބަންދުކުރިއެވެ. ނަސީބު ރަނގަޅުކަމުން، އެރޭ ބަންދުން ވީއްލައި، ދައުވާ ނުކުރަން ފުލުހުން ނިންމިއެވެ.

އާސިމާ ނިޒާރު

އަޙުމަދު އިނާހު

އަހުމަދު އިނާހު (އިނާހު)ގެ އުފަން ރަށަކީ ރ. ފައިނެވެ. ސަން ސިޔާމް މީޑިއާގައި އެޑިޓަރ – ޕޮލިޓިކަލް އެފެއާޒްގެ މަގާމު އަދާކުރަމުންދާ އިނާހު ނޫސްވެރިކަމަށް ނުކުތީ 2020ގައެވެ. އޭނާ ވަނީ ވަގުތު އަދި ދިޔަރެސް އޮންލައިންގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. އުފަން ރަށް ފައިނުގައި ހިންގާ އޮންލައިން ނޫސް ފައިނު އޮންލައިނަށްވެސް އޭނާ ލިޔެ އުޅުނެވެ. އިނާހު ދެކޭ ގޮތުގައި ނޫސްވެރިކަމުގެ އެންމެ މުހިއްމު އަސާސަކީ މިނިވަން ފިކުރެވެ. މިނިވަން ހިޔާލެވެ. ހަގީގަތް ހާމަކުރުމެވެ. އޭރާއި މިހާރުގެ ހާލަތާ އެކު ބަދަލުވީ އެ ކަމަށް ނުފޫޒު ފޯރުވަން ބޭނުންކުރާ އުކުޅެވެ. ހުރިހާ ނޫސްވެރިން ވެސް އަޒުމަކަށް ހަދަންވީ އެ އިންޓެގްރިޓީ ދެމެހެއްޓުމެވެ.

އަޙުމަދު އިނާހު

ޒަމާނީ ފުރިހަމަ މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ ތިން ބާރު އޮވެފައި، އެތިން ބާރަށްވެސް ފާރަވެރިވާނޭ ހަތަރު ވަނަ ބާރެއް އޮވެއެވެ. އަދި ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ޤާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ޤާނޫނުއަސާސީން މިނިވަންކަމާއި، ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ. މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރުގެ ގޮތުގައި ސިފަކުރެވިފައި އޮންނަނީ، ސަރުކާރެއް ޒިންމާދާރު ކުރުމުގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާތަކުގެ ސަބަބުންނެވެ.

2008ވަނަ އަހަރުން ފެށިގެ އަމަލުކުރަމުން އަންނަ ފެހި ޤާނޫނު އަސާސީން، އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަނޑައަޅައި، އެޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ 28 ވަނަ މާއްދާގެ އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މައްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެ ސަބަބާ ހުރެއެވެ. ޤާނޫނުއަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބުގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކޮށްދީފައިވަނީ އަންނަނިވި އިބާރާތުންނެވެ.

”ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.“

މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު މިނޫހުން މިގެނެސްދިނީ ރ. އަތޮޅުގެ ނޫސްވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހިތްވަރުގަދަ ފަހުލަވާނުންތަކެއްގެ ވާހަކައެވެ. އަދި މިނޫނަސް މިއަތޮޅުގައި ނޫސްވެރިކަމުގެ ބުރަ ޒިންމާ އަދާކުރާ ކެރޭ، ހީވާގި ނޫސްވެރިން އެބަ ތިއްބެއެވެ. އެ އެންމެން ޝާމިލުވާހެން ކުރަމުން އަންނަ ބުރަ ގައުމީ މަސައްކަތަށް ޝުކުރުވެރިކަމާއެކު ތައުރީފުކުރަމެވެ. ހިތުގެ އުމުގުން ދުވަހުގެ ތަހާނީ އަރިސްކުރަމެވެ.