ރ. އަތޮޅަށް ހުޅުވާލައިގެން މިއަހަރު ބާއްވާ މުބާރާތްކުގެ ތާރީޚުތައް ކަނޑައަޅައި ނިންމައިފިއެވެ.

ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް މިއަދު ރ. ވާދޫ ލައިވްއަށް ވިދާޅުވީ އެ ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ މުބާރާތްތައް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށެވެ.

މިގޮތުން ޖުމުލަ ހަތަރު މުބާރާތެއް ބާއްވާނެ ތާރީޚުތައް ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ހަމަޖެހިފައިވަނީ ކުޅިވަރުގެ ތިން މުބާރާތަކާއި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ.

ކުޅިވަރު މުބާރާތްތަކުގެ ގޮތުގައި ބާއްވާ ވޮލީ ބޯލް އަދި ހޭންޑް ބޯލް މުބާރާތް ފަށާނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އަދި ސިލްސިލާކޮށް ބާއްވާ އަތޮޅު ފުޓްސަލް މުބާރާތް މިއަހަރު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތްތައް ހޯސްޓުކުރުމުގެ ފުރުސަތު އެހެން އަހަރުތަކާ ޚިލާފަށް ރަޖިސްޓަރކޮށްގެން ހިންގާ ޖަމުޢިއްޔާތަކަށް ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ ތެރޭގައި ހިމެނޭ ވޮލީ ބޯލް މުބާރާތަކީ މުޅިން އަލަށް ތަޢާރަފްކުރާ މުބާރާތެކެވެ.

ނަމަވެސް މިއަހަރުގެ ފުޓްސަލް މުބާރާތަކީ އަތޮޅު ކައުންސިލުން ބާއްވާ ތިން ވަނަ މުބާރާތެވެ. އަދި ހޭންޑް ބޯލްގެ މިއަހަރު ބާއްވާ މުބާރާތަކީ ދެ ވަނަ މުބާރާތެވެ.

އަތޮޅު ޤުރުއާން މުބާރާތް ފަށާނީ ނޮވެމްބަރުމަހުގެ ދެ ވަނަ ދުވަހުއެވެ.