ނިރުބަވެރި ޣައިރު ޤާނޫނީ ދައުލަތެއް ކަމަށްވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހަދަމުންދަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް ކަމަށް ލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް، އަންރުވާގެ ޗީފް ފިލިޕޭ ލައްޒަރީނީއާ ވިދާޅުވެއްޖެއެވެ.
ބަނޑުހައިހޫނުކަން ފެތުރިފައިވާ ޣައްޒާގެ ހާލަތު ބަޔާންކޮށްދެއްވައި ފިލިޕޭ ލައްޒަރީނީއާ މިފަދައިން ވިދާޅުވީ، ސޯޝަލްމީޑިއާގައި ޙިއްްސާކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރިކަމެއް ނެތްތަނުގައި ރައްކާތެރި ތަނަކަށްވެސް ދެވޭނެ ގޮތެއް ނެތް ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދަނީ ދެ މަރެއްގެ އިޚްތިޔާރެވެ. އެއީ އިންސާނީ އެހީ ހޯދުމަށް ނުކުމެ ބަޑީގެ ހަމަލާއެއްގައި މަރުވުން ނުވަތަ ބަނޑުހައިހޫނުކަމުގައި ނިމިދިޔުމެވެ.
އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން، ފަލަސްތީނުގައި ހިންގަމުންދަނީ ލޭއޮހޮރުވުމެކެވެ.
އދއާއި، ބައިނަލްއަގްވާމީ އެހީދޭ ޖަމާއަތްތަކަށް ހުރަސް އަޅައި، އެމެރިކާއާއި އިސްރާއީލުން، މެއިމަހުގެ 27 ގައި ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ ނަމުގައި ހިންގަމުންގެންދާ ޖަރީމާތަކުގައި މިހާތަނަށް 800އެއްހާ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައި ވެއެވެ. 5،101 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ކެނޑިނޭޅި ޣައްޒާގެ ހުރިހާ ރަށްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން، ހަނގުރާމަމަތީ ޖެޓުތަކާއި، ޑްރޯންއިންވެސް ހަމަލާ ދެމުންގެންދާއިރު، އެއްގަމުމަގުންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.
އެންމެ ގިނައިން މިހާރު ބޮންއަޅަމުން ގެންދަނީ، ހަމަލާތަކުގައި ގެދޮރު ގެއްލި މަގުމަތިވެފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށެވެ. އަދި އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށްވެސް ބޮންއަޅައި އަދި މިސައިލުންވެސް ހަމަލާދެމުން ގެންދެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ ރަސްމީ އަދަދުވަނީ 57،762 އަށް އަރާފައެވެ.
ޒަޚަމްވި މީހުންގެ އަދަދު 137،409 އަށް ވުރެ މައްޗަށް އަރާފައި ވެއެވެ.
އދގެ ޢާންމު މަޖިލީހުން އަންރުވާ އުފެއްދީ ޔަހޫދީ ދައުލަތް އުފެއްދުމަށް ކުރި ހަނގުރާމައަށް ފަހު 1949 ވަނަ އަހަރެވެ. ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިބަދައަކީ އަންރުވާގެ ގޮތުގައި އދން އެ ޖަމުޢިއްޔާ ސިފަކުރެއެވެ. ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރި، ސޫރިޔާ، ލުބުނާން އަދި އުރުދުންގައި ދިރިއުޅޭ އެތައް މިލިއަން ފަލަސްތީންގެ ރައްޔިތުންނަށް ސިއްޙީ، ތައުލީމު އަދި ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ އަންރުވާގެ ބަދަލުގައި، އެ މަސައްކަތް ކުރެވޭނެ އެހެން ޖަމްޢިއްޔާއެއް ނެތް ކަމަށް އދން ވަނީ ބުނެފައެވެ.
