ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް – މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ ނިމުތުގައިވާ ގޮތުން، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މެޓް އޮފީހުން ބުނީ، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ.

ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް ބުނެ، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. މިއީ ހުޅަނގު މޫސުމާއި ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ސަރކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.