ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ އެއީ ދެން އިތުރަށް ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމައެއް ނޫންކަމަށް ބެލެވޭނީ ކޮންއިރަކުންތޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވިގޮތުގައި، އިޒްރޭލާއި ހަމާސްއާ ދެމެދު އޭނާގެ ސަރުކާރުން ޤަޠަރު، މިޞްރު އަދި ތުރުކީއާއެކު މަސައްކަތްކޮށްގެން ހާސިލުކުރި ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމައަށް އެއްވެސް ކަމަކުން ނުރައްކާއެއް ނުކުރާނެކަމަށެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ރޭގެ ފަހު ވަގުތެއްގައި އިޒްރޭލްގެ ވައިގެ ހަމަލާތަކުން ޣައްޒާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ރިޕޯޓުކުރެވިފައިވުމާއި، އޭގެ ކުރިން ހަމާސްގެ ފައިޓަރުން ރަފާހުގައި ތިބި އިޒްރޭލްގެ ސިފައިންނަށް ބަޑިޖަހައި، އެއް ސިފައިންނަކު މަރާލައި، އެއްބަސްވުމުގެ ޝަރުޠުތަކާ ޚިލާފުވެފައިވާކަމަށް އިޒްރޭލުން ތުހުމަތުކުރުމާއެކު، މިއީ ”ހުއްޓުމަކަށް އައިސްފައިވާ ހަނގުރާމަ“ މިބަހުގެ މާނަ ޤަބޫލުކުރެވޭ މިންވަރަށްވުރެ ބޮޑަށް ދަމައިގަތުމެކެވެ.

އިޒްރޭލުން ބުނާގޮތުގައި އެމީހުން ހަމަލާދިނީ ގިނަ ޓެރަރިސްޓް އަމާޒުތަކަކަށާއި ޓެރަރިސްޓުންނަށެވެ. ޣައްޒާގައި ހަމާސްގެ ބެލުމުގެ ދަށުން ހިންގާ ސިވިލް ޑިފެންސް އޭޖެންސީން ރިޕޯޓުކުރާގޮތުގައި ޝަހީދުވީ މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ވައިގެ ހަމަލާތައް އަމާޒުކުރެވިފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށާއި، ސްކޫލްތަކަށާއި، ގޭގެއިން ނެރެވިފައިވާ ޢާއިލާތައް ދިރިއުޅޭ ޓެންޓުތަކަށެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ހައި ކޮމިޝަނަރ ވޯލްކަރ ޓުރްކް މި މަރުތައް ”ބިރުވެރި“ ކަމަށް ވިދާޅުވެ، އިޒްރޭލުން ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނަށް ތަބާވުމަށް ގޮވާލެއްވިއެވެ.