”ރ. ވާދޫ ޕާކް ވެގެންދާނީ ރާއްޖޭގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއް ޕާކަށް“

މިއީ 1 ނޮވެމްބަރ 2016ގައި ވަގުތު އޮންލައިންގައި ނޫސްވެރިޔާ  ރީޢާނު ރަޝީދު ލިޔުނު ޚަބަރުގެ ސުރުޚީއެވެ. އެ ޚަބަރުގައި ޕާކްގެ ގޮތުގައި ބުނެފައި ވަނީ، ވާދޫ ބަނދަރު ސަރަހައްދުން، ވާދޫ ކައުންސިލް އިދާރާގެ އިރަށް އަދި ބެލެނިވެރި ހިޔާގެ އުތުރަށްވާ ގޮތަށް ފެންނަން އެ އޮތް ޕާކެވެ.

ޚަބަރުގައި ބުނެފައި ވަނީ މި ރަށުގެ ޒުވާނުންނަށާއި، ކުޑަކުދިންނަށް ހާއްސަކޮށްގެން މިހާރުވެސް މަސައްކަތް ކުރަމުންދާ ޕާކް ވަރަށް އަވަސް މުސްތަގްބަލެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް މިރަށުގެ ކައުންސިލުން ބުނެފި ކަމަށެވެ.
މިރަށުގެ ކައުންސިލްގެ ރައީސް އަލީ ހުސައިން ވިދާޅުވީ މި ޕާކް ވެގެންދާނީ މި ސަރަހައްދުގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއް ޕާކަށް ކަމަށެވެ. މި ޕާކްގެ މަސައްކަތް ކުރިއަށްދާނީ ކުރެހުމާ އެއްގޮތަށް ކަމަށާއި، އެ ޕާކްގައި ނިމިފައިވާ ބައެއް މަސައްކަތްތައް ކުރެހުމާ ވަރަށް ބޮޑަށް ދިމާވާކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށް ބުނެފައިވެއެވެ.

ވަގުތު ނޫހަށް އޭރު ވާދޫ ކައުންސިލް ރައީސް ހުސައިން ވިދާޅުވީ މި ޕާކް ތަރައްގީ ކުރުމަށްޓަކައި ފަންޑްވެސް ލިބި ބައެއް ތަކެތިވެސް ގެނެވިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ބައެއް މަސައްކަތްތައް ހަމަޖެހި އެ މަސައްކަތްތައް މާލަސްތަކެއް ނުވަނީސް ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއްކަމަކަށް ފާހަގަކުރައްވާފައި ވަނީ މިހާރު ނިމިފައިވާ ވަށާފާރުގެ މަސައްކަތެވެ.

ރަށު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަހުމަދު ޒިޔާއު އޭރު [ނޮވެމްބަރ 2016ގައި] ވަގުތު ނޫހަށް ވިދާޅުވީ ޕާކަށް ބޭނުންވާ ކުޅޭ އެއްޗެހިތައް ލިބިފައިވާ ކަމަށެވެ. އަދި ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ހިމެނެނީ މި ޕާކް ތެރޭގައި ހެދޭ ފެންގަނޑާއި، ބްރިޖްގެ މަސައްކަތްކަމަށް ކައުންސިލްގެ ރައީސް ހުސައިން ވިދާޅުވި ކަމަށް ވަގުތު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އެއީ ކުޑަކުދިންގެ ޕާކުން މިހާރު އެ ފެންނަ ކުޑަކުދިންނަށް ނުރައްކާވާ ގޮތަށް ހުރި ވަޅުގަނޑެވެ. އެ މަސައްކަތް އަދިވެސް އޮތީ ނިންމާނުލެވިއެވެ.

މި ޕާކްގައި ކުދިވެރިން ކުޅެން ދޫކޮށްލައިގެން ތިބެ އެ ކުދިންގެ ބެލެނެވެރިންނަށް ވާހަކަ ކިޔާލާ ހިތްހަމަ ޖައްސާލެވޭ ގޮތަށް ފަރުމާކުރެވިގެން ހަދާފައިވާ، ހަޓްތަކެއްވެސް ގާއިމްކުރާނެކަށް ހުސައިން ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ވިދާޅުވި ހަޓުތަކެއް ޕާކުން އަދިއަދަށް ދާންދެންވެސް ފެންނާކަށް ނެތެވެ.

އަދި މި ޕާކްގައި ކުޑަކުދިންނަށާއި، ބޮޑެތި މީހުންނަށް ފެންނަން ހުންނަ ގޮތަކަށް އެ މީހުންނަށް ދޭން ބޭނުންވާ ބައެއް މެސެޖް ބޯޑުތައް މި ޕާކް ތެރޭގައި ހަރުކުރެވިގެން ދާނެކަމަށް ވެސް ވަގުތު ނޫހަށް ދިން ބަސްދީގަތުމުގައި ވާދޫ ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް، އެ ބޯޑުތަކަށް ވީ ގޮތެއް ނޭނގެއެވެ. އެނގޭ ކަމަކީ މިއަދާ ހަމައަށް އައިއިރުވެސް ޕާކުން އެންމެ ބޯޑެއްވެސް ފެންނަން ނެތް ކަމެވެ.

މި ޕާކު ހެދުމަށް އަށްލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވާދޫ ކައުންސިލުން ބުނެއެވެ.

ތިރީގައި މިވަނީ ވާދޫ ކުޑަކުދިންގެ ޕާކްގެ އެހާރާއި މިހާރުގެ ފޮޓޯއެކެވެ.

ރ. ވާދޫ ކުޑަކުދިންގެ ޕާކް — މިހާރުގެ ފޮޓޯއެއް

 

ރ. ވާދޫ ކުޑަކުދިންގެ ޕާކް — 2016ގެ ފޮޓޯއެއް