ރ. އަތޮޅުގެ ވެރިކަންކުރާ ރަށް އުނގޫފާރުގެ، ރަށު ކައުންސިލްގެ އިހުތިސާޞްގެ ތެރޭގައި އެ އަތޮޅު އުނގުލު ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވީ 3 މާރިޗު 2024ގައެވެ. ރައީސް މިހެން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކާފުޅުގައެވެ. ރައީސްވަނީ އުނގޫފާރުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
އެހެން ނަމަވެސް، އެ ވައުދަށް އެއް އަހަރާއި ހަތަރުމަހާއި ވިހިދުވަސް ފާއިތުވެގެންދިޔަ އިރުވެސް އެ ވަޢުދު އަދި އޮތީ ވަޢުދެއްގެ ގޮތުގައި، ނުފުއްދިއެވެ.
ޢެހެން ނަމަވެސް، ރައީސް ވަނީ އުނގޫފާރަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ރައީސް ވިދާޅުވީ، އުނގޫފާރުގައި އިޤްތިޞާދީ ފުރުޞަތުތައްވެސް އިތުރުކުރައްވާނެ ކަމަށެވެ. އެގޮތުން ރަށް ކައިރީ އޮތް ފަޅުރަށް ”އުނގުލު“، އުނގޫފާރަށް ހޯއްދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އެ ރަށަކީ އެއްވެސް މަސައްކަތަކަށް މީގެކުރިން ކުއްޔަށް ދީފައިވާ ރަށެތޯ ނުވަތަ ނޫންތޯ ބަލާ، ނޫން ނަމަ ”އުނގުލު“ އުނގޫފާރު ކައުންސިލަށް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އެއްބަސްވުމެއް އޮތް ނަމަވެސް، އަނބުރާ ސަރުކާރަށް ނަގާ އުނގޫފާރަށް ރަށް ހަމަޖައްސަވައިދެއްވުމަށް މަސައްކަތް ކުރައްވަނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ވަޢުދުވެވަޑައިގެންނެވި ގޮތަށް އުނގޫފާރުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
