އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން މިއަދު ހުޅުވައިފި އެވެ.
ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވަނީ އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފައެވެ. އައްޑޫއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެތަނުގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ މަރުކަޒު ހުންނަނީ ތާރީޚީ، ޖިއޮގްރަފީ އަދި ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއްގައެވެ. މި މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި، ޒަމާނީ ވަސީލަތްތަކާއެކު ސިފައިންނަށް ޚާއްސަ އެކޮމޮޑޭޝަން ބްލޮކެއް ހުރެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، އެމްއެންޑީއެފް އެއާކޯގެ ޓީވީޓޫ އެއާކްރާފްޓްތައް ބޭނުންކުރާ އެއާ ސްކޮޑްރަން 2 ގެ މަރުކަޒު ފަރުމާކުރެވިފައިވަނީ، ސިފައިންގެ ބާރު ކުރިމަގުގައި ފުޅާވާ މިންވަރަކަށް ތަރައްގީކުރެވޭނެ ގޮތަށެވެ.
ވައިގެ މަރުކަޒު ގާއިމުކުރެވުނީ، އިސްލާމްދީނާއި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތީ ބާރު ދެމެހެއްޓުމުގެ އިތުރުން، ރާއްޖޭގެ ވައިގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށާއި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށެވެ.ރާއްޖޭގައި އަލަށް އަސްކަރީ ވައިގެ މަރުކަޒެއް ގާއިމްކޮށް، މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެމްއެންޑީއެފްގެ އެއާ ކޯ އުފައްދާފަ އެވެ. ކުރިން ވައިގެ ސިފައިންގެ ޔުނިޓުތައް ހުރި ނަމަވެސް، އޮޕަރޭޝަންތަކުގައި ބޮޑަށް ބަރޯސާވީ ބޭރުގެ ގައުމުތަކަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް ތުރުކީން ތިން އަސްކަރީ ޑްރޯން ގެނެސްފައިވަނީ އެއާ ކޯގެ ހިދުމަތް ފެށުމަށެވެ. ބަޖެޓަށް ބަލައި އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.