ހަރުކަށި ޔަހޫދީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްރާއީލުން އަދިވެސް ޣައްޒާއަށް ހަމަލާދެމުން އަންނައިރު، ބަނޑުހައިހޫނުކަން އިތުރުވަމުންދާކަމުގެ އިންޒާރު އެހީދޭ ޖަމިއްޔާތަކުން ކެނޑިނޭޅި ދަނީ ދެމުންނެވެ.
ދާދި ފަހުން އެހީދޭ 109 ޖަމިއްޔާއަކުން ވަނީ، އެހީ ފޯރުކޮށްދިނުން ހުއްޓުވައި މީހުން ބަނޑަށް މަރަމުންދާ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ފަލަސްތީނުގެ 10 މީހަކު މަރުވެފައިވާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ ޖުމުލަ އަދަދު 111 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރޭގައި މަދުވެގެން 80 ކުޑަކުދިން ހިމެނޭ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
ފަލަސްޠީނުގެ ޣައްޒާއިން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ހުސްވެ، މުވައްޒަފުން ވެސް ހައިހޫނުގައި ޖެހިފައިވާ ކަން ނޯވީޖިިޔަން ރެފިއުޖީ ކައުންސިލް (އެންއާރްސީ)އިން ހާމަކޮށްފައިވެއެވެ.
އެއީ، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބޮޑެތި ޖަމުޢިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާއިން ބުނީ، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅައި، އެ ޖަމުޢިއްޔާގެ މަސައްކަތްތައް ހުއްޓުވާފައިވާ ކަމުގައެެވެ.
މާރިޗު 2ވަނަ ދުވަހު ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ޔަހޫދީން އޮތީ ހުރަސް އަޅާފައެވެ. މި ވަގުތު މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެކަންޏެވެ. އެއީ، ކާބޯތަކެތި ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
އެހެން ނަމަވެސް އެހީ ބެހުމުގެ ނަމުގައި އާންމުން ތަންތަނަށް ޖަމާކޮށް އެބައިމީހުން ކުރާ ކަމަކީ ބަޑިޖަހައި ޝަހީދުކުރުމެވެ.
