އިންޑިއާގެ ބޮޑުވަޒީރު އަދި ނިޝާން ޢިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ ނަރެންދްރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ދެންނެވީތީ އުފާކުރައްވާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ވަރުގަދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 9:15 އެހާކަންހާއިރު ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާ ދެންނެވީ ރައީސް ޑރ. މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހިމެނޭހެން ސަރުކާރުގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ދިވެހިބަހުން ކުރެއްވި ޕޯސްޓެއްގައި ދިވެހި ދަޢުލަތުން އެންްމެ މަތީ ޢިއްޒަތްވެސް އަރުވާފައިވާ މޯދީ ވިދާޅުވީ، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ދެންނެވި މަރުހަބާއިން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ތަނުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަން އާ ހަރުފަތަކަށް ގެންގޮސް ވަރުގަދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ދެ ޤައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މިއަދު މެންދުރުފަހުއެވެ.

އިންޑީއާއާއި ދިވެހިރާއްޖެއާ އޮތް ގުޅުމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރަސްމީ ދެ ދަތުރުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާފައެވެ. އެމަނިކުފާނުގެ ފުރަތަމަ ދަތުރުޅަކީ މިދިޔަ އަހަރު ޖޫން މަހު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިންޑިއާއަށް ފުރަމަނާ ދަތުރުފުޅެއްގައި ވަޑައިގަންނަވާފައެވެ.

އިންޑިއާއާއި ދިވެހިރާއްޖެއަކީ ޒަމާންވީ ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމެވެ. އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މި ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރަށްވާއިރު، މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ މުނާސަބާއެވެ.