ސެޕްޓެމްބަރުމަހު އޮންނަ އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ފްރާންސުން ރަސްމީކޮށް ފަލަސްތީނު ދައުލަތެއް ގަބޫލު ކުރާކަން އިއުލާންކުރައްވާނެ ކަމަށް ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާ ޕޯސްޓެއްގައި އެ ގައުމުގެ ރައީސް މެކްރޯން ވިދާޅުވެފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ބާއްވާ އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި މިކަން ރަސްމީކޮށް އިއުލާނު ކުރައްވާނެ ކަމަށާއި މިއަދުގެ އެންމެ އިސް ކަމަކަށް ބޭނުން ވަނީ ޣައްޒާ ގެ ހަނގުރާމަ ނިމުމަކަށް ގެނެސް، އާންމު ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސުލްހަވެރިކަމަކީ ހާސިލު ކުރެވިދާނެ ކަމެކެވެ. އަދި މިވަގުތު ބޭނުން ވަނީ ހަނގުރާމަ ހުއްޓާލުމާއި، ހުރިހާ ރަހީނުން ދޫކޮށްލުމާއި، ޣައްޒާ ރައްޔިތުންނަށް ބޮޑުކޮށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަމުގައި ދެކެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
”މެދުއިރުމަތީގައި އަދުލުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް ފްރާންސް އިން ވެފައިވާ ތާރީޚީ އެއްބަސްވުމާ އެއްގޮތަށް، ފްރާންސް އިން ފަލަސްތީނު ދައުލަތެއް ގަބޫލު ކުރަން އަޅުގަނޑު ނިންމައިފިން.“
ފަލަސްތީނުގެ އިސްވެރިން މެކްރޯންގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފައިވާއިރު، އިސްރާއީލުގެ ހަރުކަށި ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ، މިއީ 7 އޮކްޓޯބަރު 2023 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު ”ޓެރަރިޒަމަށް ދޭ އިނާމެއް“ ކަމަށެވެ.
މެކްރޯންގެ ޕޯސްޓެއް ސޯޝަލްމީޑިއާގައި ޝާއިއުކުރައްވާފައި މިވަނީ، ފަލަސްތީންގެ 2 މިލިއަނަށްވުރެ ގިނަ މީހުން ހައިހޫނުކަމުގައިވާ ދަނޑިވަޅެއްގައެވެ.
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ”އިންސާނުން“ ކުރިމަތިކޮށްފައިވާ ހައިހޫނުކަމަކާ ކުރިމަތިލާން މަޖުބޫރު ކުރުވާފައިވާ ކަމުގައި ވިދާޅުވެ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވަނީ ދާދިފަހުން ފާޑުވިދާޅުވެފައެވެ.
ގަސްދުގައި ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުން ހުއްޓުމަކަށް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެހީދޭ އަދި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ 111 ޖަމުޢިއްޔާއަކުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލާފައިވެއެވެ.
މާރިޗު 2ވަނަ ދުވަހު ހަރުކަށި ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ހަރުކަށި ޔަހޫދީ އިސްރާއީލުން އޮތީ ހުރަސް އަޅާފައެވެ.
