މިއަދު ފެށި އަރުތަ ފުޓްސަލް މުބާރާތް 2025 ރ. ވާދޫ އެފްސީ ކުޅުނު ފުރަތަމަ މެޗުން އަތޮޅުގެ ގަދަ ބާރެއް ކަމަށްވާ އިނގުރައިދޫ އަތުން ބަލިވެއްޖެއެވެ.

މިމުބާރާތަށް އެންމެ ފަހުގެ ރަނަރ-އަޕް އިނގުރައިދޫ އެފްޓީ ނުކުތީ، ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި ނަން މަޝްހޫރު، ރާއްޖޭގެ ފުޓްސަލްގައި މިވަގުތު ހުރި އެންމެ ނަގާކިޔާ އެއް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)ވެސް ހިމެނޭ ގޮތުންނެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ބާއްވާ ވަރުގަދަ ފުޓްސަލް މުބާރާތްތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާއްޕެ އަކީ 2019 ވަނަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕް އިން ހޮވި ”ފުޓްސަލް ކިންގް“އެވެ.

އަތޮޅުގެ އެންމެ ވަރުގަދަ ދުވާފަރަށް ފަހު ރ. އަތޮޅުގެ އެންމެ ގަދަބާރު އިނގުރައިދޫއިން މިމެޗުން ކުރި ހޯދީ، 6-0ގެ ނަތީޖާއަކުންނެވެ.

ދެ އަހަރު ދުވަހަށް ފަހު މިމުބާރާތަށް އެނބުރި އައި ވާދޫ އެފްސީގެ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން މިޗެލެންޖާ ކުރިމަތިލީ ވަރަށް ހިތްވަރާއެކުގައިކަން ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމުން ފެނިގެންދިޔައެވެ.

ފުރަތަމަ ހާފުގައި ވާދޫ ކޮޅަށް އިނގުރައިދޫން 5 ލަނޑުޖެހި ނަމަވެސް ފަހު ހާފުގައި ފެނުނީ ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކުރި މަންޒަރެވެ. ނަތީޖާއެއްގެ ގޮތުން، ފަހު ހާފުގައި ވާދޫގެ ގޯލް ފޫއަޅުވާލައި ފުޓްސަލް ކިންގުވެސް އެ ޓީމަކަށް ކުޅުނު ގަދަފަދަ އިނގުރައިދޫއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.

މިއީ ރ އަތޮޅު ކައުންސިލްގެ 4 ވަަނަ ދައުރުގައި ކުޅިވަރުގެ ދާއިރާއިން އަތޮޅުގައި ހުނަރުވެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވަންފެށި މުބާރާތުގެ 4 ވަނަ މުބާރާތެވެ.

މިއަދު ހަވީރު ރަސްމާދޫގައި ފެށި މިމުބާރާތުގައި ޖުމުލަ 11 ރަށަކުން ބައިވެރިވެއެވެ.

އެ 11 ރަށަކީ:

ދުވާފަރު

މީދޫ

އިނގުރައިދޫ

އަލިފުށި

ކިނޮޅަސް

އިންނަމާދޫ

ހުޅުދުއްފާރު

މަޑުއްވަރީ

ވާދޫ

މާކުރަތު

ރަސްމާދޫއެވެ.

މި މުބާރާތް ޖެހިޖެހިގެން 3 ފަހަރު ދުވާފަރުން ކާމިޔާބުކޮށްފައިވާ އިރު 3 އަހަރުވެސް ފައިނަލްގައި އިނގުރައިދޫ ކުޅެފައިވެއެވެ. މި އަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޓީމްތައް ބައިވެރިވި ފަހަރުކަމުގައި ފާހަގަކޮށްލެވެއެވެ.

ބައްދަލުކުރި މެޗުގެ ތެރެއިން — ރ. އިނގުރައިދޫ އަދި ރ. ވާދޫ

ރ. އަތޮޅު ކައުންސިލުން، މި އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ މައިގަނޑު މަޤުސަދަކީ އަތޮޅުގެ ރަށްރަށުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ރޫޙު ދިރުވާ އާލާކުރުމާއި، އަތޮޅުގައި ފުޓްސަލް މި ކުޅިވަރު ކުރިއަރުވަން އެހީތެރިވުމެވެ. ހަމައެހެންމެ، އަތޮޅުގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލްގެ ހުނަރު އިތުރުކުރުމަކީ މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.


އެންމެ ފަހުން ރިވިއުކުރީ: މެނޭޖިންގ އެޑިޓަރ ޒިދާން މުޙައްމަދު