24 ވަނަ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕްގައި މަޑުއްވަރީ ސްކޫލްގެ ގާލް ގައިޑުންނަށް ރަން ވަނަތަކެއް ލިބިއްޖެއެވެ.
ރ. މަޑުއްވަރީ ސްކޫލުން ހާމަކޮށްފައިވާ ގޮތުގައި، އެ ސްކޫލްގެ ގާލް ގައިޑް މަރްޔަމް ނައުހާ މޫސާ ވަނީ މި ކޭމްޕުގައި ބެސްޓް ކޭމްޕަރ (ސަބް ކޭމްޕް)ގެ ޝަރަފު ހޯދާފައެވެ.
މީގެ އިތުރުން، މަޑުއްވަރީ ސްކޫލްގެ ގާލް ގައިޑުން ވަނީ ބެސްޓް ޕެޓްރޯލް އެވޯޑް (ސަބް ކޭމްޕް)ވެސް ހޯދާފައެވެ.

އެ ސްކޫލުން ބުނީ، މިއީ 24 ވަނަ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕްގައި މަޑުއްވަރީ ސްކޫލްގެ ގާލް ގައިޑުން ދެއްކި ލީޑަރޝިޕާއި އަހައްމިއްޔަތުގެ ނަތީޖާ ކަމަށެވެ. ހަމައެހެންމެ، މިއީ އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި ފަރުވާތެރިކަމާއެކު ހަރަކާތްތެރިވުމުގެ ނަތީޖާ ކަމަށް އެ ސްކޫލުން ބުނެއެވެ.
ކޭމްޕުގައި ބައިވެރިވި މަޑުއްވަރީ ސްކޫލްގެ ގާލް ގައިޑުންނަށް އިތުރު ކާމިޔާބީއަށް އެދި ހިތްވަރު ދެމުން، އެ ސްކޫލަށް ހޯދައިދިން ރީތި ނަމާއި ޝަރަފަށް ސްކޫލުން ވަނީ އެ ދަރިވަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގައި ގައިޑް ހަރަކާތް ހިންގާ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން ބާއްވާ ކޭމްޕުގައި މިއަހަރު 237 ގައިޑުން އަދި 20 ލީޑަރުން ބައިވެރިވެފައިވެއެވެ.
