14 صَفَر 1447 (08 އޮގަސްޓު 2025) ވާ ހުކުރު ދުވަހުގެ ޚުޠުބާ

ޞަޙާބީންނާއި އަހުލުބައިތުންނަށް ލޯބިކުރުމާއި އެ ބޭކަލުންގެ މަޤާމު

ދިވެހި އިސްލާމީ ކިއްލާއަށް އެއް ހާސް އަހަރު ފުރޭން ކައިރިވަނީއެވެ! މި ލޮބުވެތި ވަޠަން އިސްލާމްވުމަށް ފަހު މިހައި ހިސާބަށް އައިސްފައި މި އޮތީ ސުންނީ މުސްލިމު ޤައުމެއްގެ ގޮތުގައެވެ. އަހަރެމެން ނަބިއްޔާ صلى الله عليه وآله وسلمއަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީންނެވެ. އަހަރެމެން އެންމެ ލޯބިކުރަނީ ނަބިއްޔާ صلى الله عليه وآله وسلمއަށް ފަހު، އެ ބޭކަލުންނަށެވެ. މި ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ ޢިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައެއްނުވެއެވެ. އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައެވެ.

ޞަޙާބީންގެ މަޤާމު އަންގަވައި الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. [1]

”މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރީން އިސްނެންގެވި ބޭކަލުންނާއި، ހެޔޮ ގޮތުގައި އެ ބޭކަލުންނާ ތަބާވީ މީހުން (ދަންނާށެވެ!) الله، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން ވަނީ އެ ކަލާނގެއަށް ރުހިގެންނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެތައް، އެ ކަލާނގެ އެއުރެންނަށް ޓަކައި ތައްޔާރުކުރެއްވިއެވެ. އެ ތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ.“

މި އާޔަތުގައި الله سُبْحَانَهُ وَتَعَالَى އެ ބޭކަލުންގެ މައްޗަށް ރުހިވޮޑިގެންވާކަމުގެ ޚަބަރު ދެއްވިއެވެ. އެ ކަލާނގެ ރުހިވޮޑިގެންނެވި ބަޔަކަށް އަހަރެމެން ރުހޭން ޖެހޭނެއެވެ. އަހަރެމެން އެ ބޭކަލުން މަތިވެރިކޮށް، އެ ބޭކަލުންނަށް ލޯބިކުރާން ޖެހޭނެއެވެ. އަދިވެސް އެ ބޭކަލުންގެ މާތްކަމާ ބެހޭ ގޮތުން އެ ކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”މުޙައްމަދުގެފާނީ، اللهގެ ރަސޫލާއެވެ. އަދި އެ ކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙުމަތްތެރި ބަޔެކެވެ. اللهގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ.“[2]

އެ ބޭކަލުންނަކީ އެންމެ މާތްވެގެންވާ ޤަރުނުގެ އެންމެ ހެޔޮވެގެންވާ ބޭކަލުންކަން އަންގަވައި ނަބިއްޔާ صلى الله عليه وآله وسلم ޙަދީޘްކުރައްވައިފައި ވެއެވެ.

(خَيْرُكُمْ قَرْنِيْ، ثُـمَّ الَّذِيْنَ يَلُوْنَـهُمْ، ثُـمَّ الَّذِيْنَ يَلُوْنَـهُمْ)[3]

”ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ.“

މި ޙަދީޘުގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީސްތަކުން ކަމަށް އޮތް ބަސްފުޅުގެ މުރާދުކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެއީ ނަބިއްޔާ صلى الله عليه وآله وسلمއާ ބައްދަލުވެ އެ ކަލޭގެފާނަށް އީމާންވީ އެ ކަލޭގެފާނު ޞަޙާބީންނެވެ.

[4] ابْنُ مَسْعُوْد رَضِيَ اللّٰه عَنْه ވިދާޅުވިއެވެ. ”ހަމަކަށަވަރުން، ﷲ އެ ކަލާނގެ އަޅުތަކުންގެ ހިތްތަކަށް ބައްލަވައިވޮޑިގެންނެވިއެވެ. ދެން މުޙައްމަދު صلى الله عليه وآله وسلمގެ ހިތްޕުޅަކީ އަޅުތަކުންގެ ހިތްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ހިތްޕުޅުކަމުގައި ދެކެވޮޑިގަތެވެ. ފަހެ، އެ ކަލާނގެ އެ ކަލޭގެފާނު صلى الله عليه وآله وسلم ޚިޔާރުކުރައްވައި، އެކަލާނގެ ރިސާލަތާއިގެން ފޮނުއްވިއެވެ. ދެން އޭގެ ފަހުގައި އެހެން އަޅުތަކުންގެ ހިތްތަކަށް ބައްލަވައިވޮޑިގެންނެވިއެވެ. ފަހެ، އެ ކަލޭގެފާނުصلى الله عليه وآله وسلمގެ ޞަޙާބީންގެ ހިތްޕުޅުތަކަކީ އަޅުތަކުންގެ ހިތްތަކުގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ ހިތްޕުޅުތައްކަމުގައި ދެކެވޮޑިގަތެވެ. ފަހެ، އެ ކަލާނގެ އެ ބޭކަލުން، އެ ކަލާނގެ ނަބިއްޔާގެ ވަޒީރުންކަމުގައި ލެއްވިއެވެ. އެ ބޭކަލުން އެކަލާނގެ ދީނަށް ޓަކައި ހަނގުރާމަކުރެއްވިއެވެ.“[5]

މި ނައްޞުތަކުން އަހަރެމެންނަށް އަންގައިދެނީ އެންމެ ކަމެކެވެ. އެއީ ނަބިއްޔާ صلى الله عليه وآله وسلمގެ ޞަޙާބީންނާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ، އަހަރެމެން މަތިވެރިކުރާންޖެހޭނޭ ބަޔެއްކަމެވެ. އެ ބޭކަލުންނަށް އިޙުތިރާމުކޮށް އެ ބޭކަލުންނާ މެދު އަހަރެމެންގެ ހިތްތައް ސާފުކުރާންޖެހޭނެއެވެ. الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. [6]

”އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރީން އީމާންވީ، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވީ މީހުންނަށް އަޅަމެންގެ ހިތްތަކުގައި ހަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.“

ނަބިއްޔާ صلى الله عليه وآله وسلمގެ ޞަޙާބީންނަށް ކުޑައިމީސްކޮށް ބަސްބުނުން މަނާކުރައްވައި ނަބިއްޔާصلى الله عليه وآله وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَسُبُّوْا أَصْحَابِيْ، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا بَلَغَ مُدَّ أَحَدِهِمْ وَلَا نَصِيْفَهُ.)[7]

މާނައީ: ”ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޞަހާބީންނަށް އެއްޗެހި ނުކިޔާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަ ހައި ރަން ހޭދަކުރިކަމުގައިވިޔަސް، އެއިން ބޭކަލަކު ހޭދަކުރެއްވި ކާބޯތަކެތީގެ މުއްދެއްގެ މިންވަރު ނުވަތަ އޭގެ ދެބައިކުޅަ އެއްބަޔާ ވެސް ސަވާބުގެ ގޮތުން އެއްވަރުނުވާ ހުއްޓެވެ.“ ابْنُ عُمَر رَضِيَ اللّٰه عَنْهُمَا ވިދާޅުވެފައި ވެއެވެ.

”ތިޔަބައިމީހުން ނަބިއްޔާގެ ޞަޙާބީންނަށް ބަދުބަސް ނުބުނާށެވެ! އެ ބޭކަލުންގެ ސާޢަތެއްގެ އަޅުކަން، ތިޔަބައިމީހުން ސާޅީސް އަހަރު ކުރާ އަޅުކަމަށް ވުރެ މާތްވެގެންވެއެވެ.“[8]

އަޞްޙާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުންނެވެ. އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުންނެވެ. އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދެއެވެ. އެ ފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެން ދީނާ ދުރުކުރުވުމެވެ.

اَلْإِمَامُ أَبُوْ زُرْعَة (رَحِمَهُ الله) ވިދާޅުވިއެވެ. ”މީހަކު ރަސޫލު ﷲ صلى الله عليه وآله وسلمގެ އަޞްޙާބުބޭކަލެއްގެ ޤަދަރު ކުޑަކުރާ ތަން ދެކެފި ނަމަ، ފަހެ ދަންނާށެވެ! ހަމަކަށަވަރުން އެއީ ޒިންދީޤެކެވެ. (އެބަހީ: ދީނެއް މިއްލަތެއް ނެތް، ދީން އޮޅުވައިލާ ނުބައިވެގެންވާ މީހެކެވެ.) އެހެނީ ހަމަކަށަވަރުން އަހަރެމެންގެ ގާތުގައި ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وآله وسلمއަކީ ޙައްޤު ރަސޫލާއެވެ. އަދި ޤުރްއާނަކީ ޙައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރްއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ރަސޫލصلى الله عليه وآله وسلمާގެ އަޞްޙާބުބޭކަލުންނެވެ. އެ މީހުން އެދެނީ އަހަރެމެންގެ ދީން ގެނެސްދެއްވި ބޭކަލުންގެ ޤަދަރު ކުޑަކޮށް އިތުބާރު ނަގައިލައި، ޤުރްއާނާއި ސުންނަތް ނެތިކޮށްލުމަށެވެ. އެހެންކަމުން ޤަދަރު ނެތް ބަޔަކީ، އެ ބޭކަލުންނަށް ބަދުބަސް ބުނާ މީހުންނެވެ. އަދި އެ ބައިމީހުންނަކީ ޒިންދީޤުންނެވެ.“[9]

މި އުންމަތުގެ ނަބިއްޔާ صلى الله عليه وآله وسلمއަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލަކީ މި އުންމަތުގެ ފުރަތަމަ ޚަލީފާ أَبُوْ بَكْر رَضِيَ اللّٰه عَنْهއެވެ. އެ ކަލޭގެފާނަށް ފަހު عُمَرُ رَضِيَ اللّٰه عَنْهއެވެ. އަދި އެ ކަލޭގެފާނަށް ފަހު عُثْمَان رَضِيَ اللّٰه عَنْهއެވެ. އަދި އެކަލޭގެފާނަށް ފަހު عَلِي رَضِيَ اللّٰه عَنْهއެވެ. މި ކަމަށް އުންމަތްވަނީ އިއްތިފާޤުވެފައެވެ.[10] އަހަރެމެންގެ ޚުތުބާތަކުގައި ކޮންމެ ފަހަރަކު މި މަތިވެރި ހަތަރު ބޭކަލުންނަށް ހެޔޮ ދުޢާކުރެވެއެވެ. عَلِي رَضِيَ اللّٰه عَنْهގެ ކިބައިން ރިވާވެގެންވެއެވެ. ­(خَيْرُ هَـٰذِهِ الْأُمَّةِ بَعْدَ نَبِيِّهَا أَبُوْ بَكْرٍ ثُـمَّ عُمَرُ رَضِيَ اللهُ عَنْه)[11]

މާނައީ: ”ނަބިއްޔާصلى الله عليه وآله وسلمއަށް ފަހު މި އުންމަތުގައި އެންމެ މާތްވެގެންވަނީ أَبُوْ بَكْر رَضِيَ اللّٰه عَنْهއެވެ. އަދި އެޔަށްފަހު عُمَرُ رَضِيَ اللّٰه عَنْهއެވެ.“ އަދި ابْنُ عُمَر رَضِيَ اللّٰه عَنْهُمَاގެ ކިބައިން ރިވާވެގެންވެއެވެ. ”އަހަރެމެން رَسُوْلُ ﷲ zގެ ޒަމާނުގައި (ޞަޙާބީންގެ މެދުގައި) މާތްކަމުގެ ތަރުތީބު ކަނޑައަޅަމުން ގެންދިޔައީމެވެ. (އެންމެ މާތްވެގެންވަނީ) أَبُوْ بَكْر رَضِيَ اللّٰه عَنْه، ދެން عُمَرُ رَضِيَ اللّٰه عَنْه، ދެން عُثْمَان رَضِيَ اللّٰه عَنْهއެވެ.“ އަދި ބައެއް ރިވާޔަތްތަކުގައި ވާ ގޮތުން މި ވާހަކަ ނަބިއްޔާ zއާ ހަމައަށް ފޯރައެވެ. އެކަލޭގެފާނު އެ ވާހަކަޔާ މެދު އިންކާރެއް ނުކުރައްވައެވެ.[12] شَيْخُ الْإِسْلَام ابْنُ تَـيْمِيَّة (رَحِمَهُ الله) ވިދާޅުވެފައި ވެއެވެ. ”عَلِي رَضِيَ اللّٰه عَنْه ކޫފާގެ މިންބަރުމަތީގައި މިފަދައިން ވިދާޅުވާކަމުގައި ރިވާވެގެންވެއެވެ. ”أَبُوْ بَكْر رَضِيَ اللّٰه عَنْهއާއި عُمَرُ رَضِيَ اللّٰه عَنْهއަށްވުރެ، ތިމަންކަލޭގެފާނު މަތިވެރިކުރާ މީހަކު ތިމަންކަލޭގެފާނުގެ ގާތަށް ގެނެވިއްޖެ ނަމަ، އެ މީހެއްގެ މައްޗަށް ދޮގުހަދާ މީހާގެ މައްޗަށް އޮންނަ ޙައްދު ޤާއިމުކުރާނަމެވެ.“[13]

ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ މިއެވެ. މިއާ ޚިލާފުވަނީ ބާޠިލު ފިކުރުތަކުގެ އަހުލުވެރީންނެވެ. އެހެންކަމުން މި މަތިވެރި ޢަޤީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހެއެވެ.  އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަޤީދާއަކީ މިއެވެ. މި ޢަޤީދާއިން އަހަރެމެން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެއެވެ. އަހަރެމެން ބައިބައިކުރާން ނުކުންނަ އެއްވެސް ފަރާތަކަށް ފުރުޞަތު ނުދިނުމަށް ހުރިހައި މުސްލިމުންނަށް ވަޞިއްޔަތްކުރަމެވެ!

[1] سورة التوبة: ١٠٠

[2] سورة الفتح: 29

[3] أخرجه البخاري (2651)، ومسلم (2535) وللفظ للبخاري.

[4]  عبد الرحمن المباركفوري، تحفة الأحوذي، (بيروت: دار الكتب العلمية)، ج6، ص482

[5] الإمام أحمد بن حنبل، المسند (تحقيق شعيب الأرنؤوط وعادل مرشد وآخرون، بيروت: مؤسسة الرسالة ، 2001م)، ج6، ص84، حديث رقم: (3600)، وقال شعيب الأرنؤوط: إسناده حسن.

سورة الحشر: ١٠ [6]

[7] أخرجه البخاري (3673)، ومسلم (2541) وللفظ للبخاري.

[8]  الإمام أحمد بن حنبل، فضائل الصحابة (تحقيق وصي الله محمد عباس، بيروت: مؤسسة الرسالة ، 1983م) ج1، ص57، حديث رقم: (15)، وقال المحقق: إسناده صحيح.

[9] الخطيب البغدادي، الكفاية في معرفة أصول علم الرواية، (المدينة المنورة: المكتية العلمية، 1357ه) ، ص49

[10] شيخ الإسلام ابن تيمية، مجموع الفتاوى، (المدينة المنورة: مجمع الملك فهد لطباعة المصحف الشريف، 2004م)، ج4، ص421

[11] الإمام أحمد بن حنبل، المسند (بيروت: مؤسسة الرسالة ، 2001م)، ج2، ص200201، حديث رقم: (834)، وقال شعيب الأرنؤوط: إسناده قوي.

[12] شيخ الإسلام ابن تيمية، مجموع الفتاوى، (المدينة المنورة: مجمع الملك فهد لطباعة المصحف الشريف، 2004م)، ج4، ص426

[13] شيخ الإسلام ابن تيمية، مجموع الفتاوى، (المدينة المنورة: مجمع الملك فهد لطباعة المصحف الشريف، 2004م)، ج4، ص422