ހއ. މުރައިދޫ އާއި ގއ. ގެމަނަފުށީގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ނާއިބު އިބްރާހިމް އާސިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައީދު އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއެވެ.

ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތަށް 7.78 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ. އަދި ހއ. މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތަށް 7.79 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މި މަސައްކަތް ނިންމުމަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ.

މި ދެ ރަށުގައި އިމާރާތްކުރާ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ. މިސްކިތްތަކުގައި ވުޟޫކުރާ ސަރަހައްދާއި، މުންނާރު، ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް ހިމެނޭނެއެވެ. އަދި މި ދެ މިސްކިތުގައިވެސް ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.

މި މަޝްރޫޢުތަކަކީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.