ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުން މިހާރަށްވުރެ ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިފަދައިން ފަލަސްޠީނުގެ ޣައްޒާ އިސްތިޢުމާރު ކުރުމަށް އިސްރާއީލުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫއާއި ހަރުކަށި ޔަހޫދީންގެ ހަނގުރާމައިގެ މުޖުރިމުންގެ މަޖިލީހުން ނިންމުމާއެކު ނަތަންޔާހޫއާއި އޭނާގެ ސަރުކާރަށް އިސްރާއީލުގެ އެތެރެއާއި ބޭރުން ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވާން ފަށައިފައިވާ ދަނޑިވަޅެއްގައެވެ.
އަނިޔާވެރި ނަތަންޔާހޫއާއި އޭނާގެ އައުވާނުން ހިމެނޭ މުޖުރިމުންގެ މަޖިލީހުން ނިންމާފައި ވަނީ ޣައްޒާ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ 2.2 މިލިޔަނެއްހާ މީހުން އަޅުވެތި ކުރުމަށެވެ.
މި ކަމާމެދު އެންމެ ފުރަތަމަ ނުރުހުން ފާޅުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގައި ހިމެނޭ ޔަހޫދީންގެ އިސް މަދަދުގާރެއް ކަމުގައިވާ ޖަރުމަނުވިލާތް ހިމެނެއެވެ. އަދި، އެ ކަން ކުށްވެރި ކުރުމުގެ ގޮތުން ޖަރުމަނުވިލާތުން ވަނީ ޔަހޫދީ ފައުޖަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލަން ނިންމައި އެ ކަން އިޢުލާނު ކޮށްފައެވެ. އަދި، އިނގިރޭސިވިލާތާއި އީޔޫގެ އެހެން ބާރުތަކުން ވަނީ ޔަހޫދީންގެ ނިންމުން ބަދަލު ކުރުމަށް ގޮވައިލާފައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ އެތެރެއިން ވެސް ދަނީ ޣައްޒާ އިސްތިޢުމާރު ކުރުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ޖައްބާރު ނަތަންޔާހޫގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ޙަމާސުން ރަހީނު ކޮށްފައި ތިބި އަސީރުންގެ ޢާއިލާތަކާއި، ސަރުކާރާ ދެކޮޅު ޕާޓީތައް ހިމެނެއެވެ.
ޣައްޒާ އިސްތިޢުމާރު ކުރުމުގެ ރޭވުމާ އެކު އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް އަތްގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އޮގަސްޓު 8 ވަނަ ދުވަހު ހައްދުފަހަނަ ނަތަންޔާހޫ އިޢުލާނު ކުރިއެވެ. އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ވިލާތުގެ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ހިމެނި ވަޑައިގަންނަވައެވެ. އެ ނިންމުން ބަދަލު ކުރުމަށް އޭނާ ވެސް ވަނީ ޒަޔަނިސްޓު ސަރުކާރަށް ގޮވައިލައްވާފައެވެ.
ޣައްޒާ އިސްތިޢުމާރު ކުރުމާ ދެކޮޅަށް އަޑުއުފުލާފައިވާ ޤައުމުތަކުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ އަދި ޢަރަބި ދުނިޔޭގެ ޤައުމުތަކުގެ އިތުރުން ދިވެހިރާއްޖެ ވެސް ހިމެނެއެވެ.
