ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ސިއްޚީ ޚިދުމަތްތެރިންނާއި ކުުއްލި ހާލަތުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ 16 މީހަކު އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވެރިވެގަންފައިވާ ފަލަސްތީނުގެ ޣައްޒާގެ ސަރަހައްދުތަކުން 44 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ސިއްޚީ ޚިދުމަތްތެރިންނާއި ކުުއްލި ހާލަތުގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންގެ 16 މީހަކު ހިމެނެއެވެ.
ޣައްޒާ ހިސޯރުކުރުމަށް އިސްތިއުމާރީ އިސްރާއީލުން ފޫގަޅާލާފައިވާއިރު ފަލަސްޠީނުގެ މިނިވަން ދައުލަތެއްގެ އުންމީދު ވަޅުލުމަށް ރާވާފައިވާ ހީލަތްތެރި ރޭވުމުގެ ދަށުން، ފޭރިގަނެފައިވާ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ފަށަން ވެސް ވަނީ ތައްޔާރުވެފައެވެ.
މިކަން އިޢުލާނު ކޮށްފައި ވަނީ، އިސްރާއީލުގެ މުޖުރިމު ބިޓްޒަލްއެލް ސްމުތުރީޗެވެ. އޭނާގެެ އޮފީހުން ބުނީ، ޔަހޫދީންގެ އައު ރޭވުމާ އެކު ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމުގެ އުންމީދަށް ފަސްއަޅައި، ވަޅުލެވިގެން ދާނެ ކަމުގައެވެ.
އިސްރާއީލުގެ ހީލަތްތެރި ރޭވުމުގައި އޮތީ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ވަކިކޮށްލުމަށް، އެ ދެ ސަރަޙައްދުގެ މެދުގައި އޮތް މައަލޭ އަދުމީމްގައި އިތުރު ޔަހޫދީން ވަަޒަންވެރި ކުރުމުގެ މަޝްރޫޢެއް ހިންގުމެވެ. އެ މަޝްރޫޢަށް ދީފައިވާ ނަމަކީ އީ1އެވެ.
ސްމުތުރީޗަކީ ވެސް ފަލަސްޠީނުގެ ބިމެއްގައި ދިރިއުޅޭ ހަރުކަށި ޔަހޫދީއެކެވެ. މައަލޭ އަދުމީމްގައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުނީ، މި ވަގުތު މަޑުޖައްސައިލާފައިވާ އީ1 މަޝްރޫޢު އަލުން ފެށުމަށް ޒަޔަނިސްޓުންގެ ޖަމާއަތެއް ކަމަށްވާ އިސްރާއީލުގެ ބޮޑުމުޖުރިމު ބެންޔަމިން ނަތަންޔާހޫ ހުއްދަ ދީފައިވާ ކަމުގައެވެ. އަދި، އެބައިމީހުންނަށް އެންމެ ބޮޑު މަދަދުގާރު ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުން ދެއްވާފައިވާ ކަމުގައެވެ.
އީ1 މަޝްރޫޢު އަލުން ފަށަފައި، ހުޅަނގު އައްސޭރީގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަން ސްމުތުރީޗު އިޢުލާނު ކުރުމާ އެކު އެކުވެރި ދައުލަތްތައް (އދ)ން ވަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، އެ ނިންމުން ވަގުތުން ބަދަލު ކުރުމަށް ގޮވައިލާފައެވެ.
