މާލެ ސަރަހައްދުގައި ޓްރެފިކް ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފްތާގައި އެކަނި 154 މީހެއްގެ ޑްރައިވިން ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ޓްރެފިކް ޕޮލިހުން ހާމަކޮށްފިއެވެ.
މިއީ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަޅާ ފިޔަވަޅެކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ޖުމްލަ 32 އެކްސިޑެންޓެއް ހިނގާފައިވާއިރު، މި އެކްސިޑެންޓްތަކުގެ ތެރެއިން ހަތަރު އެކްސިޑެންޓެއްގައި މީހުންނަށް އަނިޔާވެފައިވެއެވެ. އަދި ޑްރައިވިން ލައިސަންސް ނެތި އުޅަނދު ދުއްވި 42 މީހަކު ހުއްޓުވައި ހިފަހައްޓާފައިވާއިރު، ނުރައްކާތެރިކޮށް ދުއްވި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ މައްސަލައަށް ބަލާއިރު، މި މަހުގެ މިހާތަނަށް 531 ޝަކުވާ ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ ތެރެއިން 169 ސައިކަލާއި، 18 ކަރު ޓޯކޮށްފައިވާއިރު، އިއްޔެ އެކަނި ވެސް 200 އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 611 ވެހިކަލް ޗެކުކުރެވިފައިވާއިރު، 266 މީހަކު ޓްރެފިކް ގަވާއިދާ ހިލާފުވެފައިވެއެވެ. މީގެ އިތުރުން، ހެޑްސެޓް ޖަހައިގެން ދަތުރުކުރި 22 މީހަކު ހުއްޓުވާފައިވާއިރު، 67 ވެހިކަލެއްގެ އަހަރީ ފީއާއި 28 ވެހިކަލެއްގެ އިންޝުއަރެންސް ފީ ނުދައްކާ ހުރިކަން ފާހަގަކުރެވިފައިވެއެވެ.
މަގުތަކުގައި އުޅަނދު ދުއްވާއިރު، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެ މީހެއް ވެސް އެއްބާރުލުން ފުލުހުން އިލްތިމާސްކުރެއެވެ.
