މިމަހުގެ 18 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު، ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ފުށުއަރާ ކަމަށް ވިދާޅުވެ، އެ ޤާނޫނު އުވާލަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކު ގޮވާލައްވައިފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވޮލްކާ ޓާކާ ހަވާލާދެއްވާ ތަރުޖަމާނު ރަވީނާ ޝަމްދަސަނި ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރާ ގާނޫނުގައި، ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ފުށުއަރާ އުސޫލުތަކެއް އެބަހުރި ކަމަށެވެ.

އދ. އިން ކަންބޮޑުވާ އުސޫލުތަކުގެ ތެރޭގައި ނޫސްވެރިންނާއި މީޑިއާތަކުގެ ކޮންޓެންޓަށް ބާރުފޯރުވުމާއި މީޑިއާގެ މަސައްކަތްތައް ތަހުގީގުކުރުމާއި މީޑިއާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޖޫރިމަނާ ކުރުން އަދި މީޑިއާތަކުގެ ލައިސަންސާއި ހުއްދަ ބާތިލުކުރުމުގެ ބާރު، މީޑިއާ ކޮމިޝަނަށް ލިބުން ހިމެނޭކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅުއްވި ބިލް ފާސްކޮށްފައި ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ އިސްލާހުތަކާއެކުގައެވެ. ބިލް ފާސްކުރިއިރު، ވަކި ވަކި ނޫސްވެރިން ބޮޑު އަދަދަކުން ޖޫރިމަނާކުރުމާއެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތުން ފަދަ ކަންބޮޑުވުން ހުރި މާއްދާތައް ވަނީ އުނިކޮށްފައެވެ.

ވޮލްކާ ވިދާޅުވީ ޤާނޫނު ފާސްކުރީ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ޗެކް އެންޑް ބެލެންސް ނިޒާމު ފާއިތުވި އެއް އަހަރު ދަށްވެފައިވަނިކޮށް ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް، މިނިވަން އަދި ތަފާތު މީޑިއާއަކީ ކޮންމެހެން ބޭނުންތެރި އަދި ޑިމޮކްރެޓިކް މުޖުތަމައެއްގެ އަސާސްތައް ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް މީޑިއާ ގާނޫނެއް އެކުލަވާލުމަށް އެހީތެރިކަން ދޭނެ ކަމަށެވެ.

މީޑިއާ ރެގިއުލޭޓްކުރާ ގާނޫނާ މެދު ޔޫރަޕް ޔޫނިއަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޮސްޓްރޭލިއާ އަދި އެމެރިކާއިން ވެސް ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަން ދެމެހެއްޓުމަށް ގޮވާލައިފައެވެ.

މިޤާނޫނުގެ ބިލަކީ، 2025 ސެޕްޓެންބަރު 16 ގައި ދައުރުން ބޭރުން ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ އިން ފާސްކުރައްވާފައިވާ ބިލެކެވެ. މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން އެކުލަވާލި ޤާނޫނެކެވެ.

މިޤާނޫނުގައި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދިގެންދާނެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުއުވުނީއެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ”މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން“ ވެސް އުވުނީއެވެ.

ޤާނޫނުގައިވާ ގޮތުގެ މަތީން ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.