މުވައްޒަފުގެ މައްޗަށް ވާޖިބުތަކެއްވާ ފަދައިން ވަޒީފާ ދޭ ފަރާތުގެ މައްޗަށްވާ ޙައްޤުތަކެއްވެއެވެ. މިގޮތުން މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދޭންޖެހެއެވެ. ވަޒީފާގެ އުޞޫލުތަކުގެ ތެރެއިން ދޭންޖެހޭ ޗުއްޓީއާއި ހުސްވަގުތު ދީ، މުވައްޒަފުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކޮށް، އޯގާތެރިކަމާއެކު މުޢާމަލާތު ކުރަންޖެހެއެވެ.

ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތްލައްވާނީ، އިޚްލާޞްތެރިކަމާއެކު އެކަންކަން ކޮށްގެނެވެ. މާތްﷲ ގެ ވަޖުހުފުޅު އަދައިގެން، ޙަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށްގެނެވެ. މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެއެވެ. ވަޒީފާގެ ވެއްޓާއި ނިޒާމު އޮންނަންވާނީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަނެވޭނެ ގޮތަށް ރާވައި ތަރުތީބު ކުރެވިފައެވެ. ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށެވެ.

އިސްލާމީ ޝަރީޢަތުގެ ހުރިހާ ތަނބުތައް އޮފުދާރުކޮށްދެނީ މަތިވެރި އަޚްލާޤާއި ރިވެތި ސިފަތަކުންނެވެ. އުންމަތެއް ހެޔޮ އުންމަތަކަށް ވަނީ އެއުންމަތުގެ އަޚްލާޤީ ފޭރާން ތާހިރުވެގެންނެވެ. މަތިވެރި އަޚްލާޤަކީ އިސްލާމީ ޢަޤީދާގެ އެންމެ މުހިއްމު އަސާސެވެ. އަޅުކަމުގެ ބިންގަލެވެ. އަޅުކަން ބިނާވެފައި ވަނީ ޢިބާދާތާއި މުޢާމަލާތުގެ މައްޗަށެވެ. ޢިބާދާތާއި މުޢާމަލާތު ވަނީ ގުޅިލާމެހިފައެވެ. މާތް ﷲއަށް އަޅުކަން ކުރުމަށްފަހު ދުނިޔަވީ ޙަޔާތުގެ އެކި މުޢާމަލާތްތައް ކުރުމަށް ބިމުގައި ފެތުރިގަތުމަށް މާތް އެކަލާﷲ ވަނީ އަންގަވައިފައެވެ.

‏އެކަލާންގެ ވަހީކުރައްވާފައި ވަނީ އަންނަނިިވި ފަދައިންނެވެ.

”ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.“

ވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުކުރާ ކަމެކެވެ. މަސައްކަތުގެ ރޫޙު ގެއްލޭ ކަމެކެވެ. އެއީ މުވައްޒަފުންގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެކެވެ. އެހެންކަމުން އެފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ. އިންސާނީ ކަރާމަތާއި ޙައްޤަކީ ބޮޑުވެގެންވާ އަމާނާތެކެވެ. ކޮންމެ ވަޒީފާއެއްގައި ވެސް ޙައްޤުތަކާއި ވާޖިބުތަކެއް ވާކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.