ހިސޯރު ފޫއަޅުވައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ — ޖީއެސްއެފްގެ އުޅަނދުތަކަށް އިސްރާއީލުގެ ނިރުބަވެރި ޓެރަރިސްޓުންގެ ފައުޖުތަކުން ކަނޑުމަތިން ހުރަސްއަޅައިފިއެވެ.
އިސްރާއީލުގެ ޓެރަރިސްޓުން ޖީއެސްއެފްގެ އުޅަނދުތަކަށް ހުރަސްއަޅާފައި ވަނީ އެ އުޅަނދުތައް ޣައްޒާއާ 80 ނޯޓިކަލް މޭލަށް ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ.
ހަރުކަށި ޔަހޫދީ އިސްރާއީލަށް ނިސްބަތްވާ ވިއްސަށް ވުރެ ގިނަ މަނަވަރު އެ ސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ޖީއެސްއެފްގެ ބައެއް އުޅަނދުތަކާ މުވާޞަލާތީ ގުޅުން އެއްކޮށް ކެނޑިފައިވާ ކަމަށްވެސް ދަތުރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. އިސްރާއީލުގެ ޓަރިސްޓުން ދަނީ ބައެއް އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުންނެވެ. އަދި ބިރުދެއްކުމަށް ބައެއް އުޅަނދުތަކަށް ފެންޖަހަމުންނެވެ.
ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި 44 ޤައުމަކަށް ނިޞްަބަތްވާ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާއެއް ކުރިމަތިނުވާ ނަމަ ބުރާސްފަތި ދުވަހު ޣައްޒާއާ ހަމައަށް އުޅަނދުތައް ފޯރާނެ ކަމަށް ޖީއެސްއެފުން ކުރިން ވަނީ ބުނެފައެވެ.
ޞުމޫދު ފްލޮޓިއްލާއިން ޣައްޒާއަށް ފޯރުން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ބޮޑުމުޖުރިމު ބެންޖަމިން ނަތަންޔާހޫ ވަނީ ދީފައެވެ.
އެ ފްލޮޓިއްލާގެ ބައެއް އުޅަނދުތައް ވަށާލައި ބިރުދެއްކުމުގެ ޢަމަލުތަކެއް ވެސް މީގެ ގަޑިއިރުތަކެއް ކުރިން ހިންގާފައިވެއެވެ. ފާއިތުވި ދުވަސްތަކުގައި ފްލޮޓިއްލާގެ އުޅަނދަކަށް ޑްރޯން ޙަމަލާއެއް ވެސް އަމާޒުވެފައިވެއެވެ.
